ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ނޫނީ ރެސްޓޯރެންޓްތަކުގެ އެތެރެއަށް ނުވަދެވޭ ގޮތަށް ނިއު ޔޯކުގައި ހަދާފައިވާ ގަވާއިދުގެ ސަބަބުން ބުރެޒިލްގެ ރައީސް ޖެއާ ބޮލްސޮނާރޯ މަގުމަތީގައި ހުންނަވައި ޕިއްޒާ ފަރިއްކުޅުވަން ޖެހިވަޑައިގެންފިއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ބައްދަލުވުމަށް އެމެރިކާގެ ނިއު ޔޯކަށް ގޮސްފައިވާ ރައީސް ޖެއާ ދެ ޑޯޒް ވެކްސިން ފުރިހަމަ ނުކުރުމުގެ ސަބަބުން ނިއު ޔޯކުގެ ރެސްޓޯރެންޓްގެ އެތެރެއަކަށް ނުވަދެވެއެވެ.

އެހެންކަމުން ރައީސް ޖެއާ އެކުގައި ތިއްބެވި މިނިސްޓަރުންނާއެކު ޕިއްޒާއަކަށް އިންސާފު ކުރެއްވީ ރެސްޓޯރަންޓް ބޭރުގައި، މަގުމަތީގައި ކޮޅަށް ހުންނަވައިގެންނެވެ.

މިނިސްޓަރު ލުއިސް ރާމޯސް ވަނީ ރައީސް ޖެއާއާއި އެހެން ބޭފުޅުން މަގުމަތީގައި ކޮޅަށް ތިއްބަވައި ޕިއްޒާ ފަރިއްކުޅުވާ ފޮޓޯއެއް ޓުވިޓާގައި ހިއްސާކުރައްވައިފައެވެ.

ބުރެޒިލްގެ ނޫސްތަކުގައިވާ ގޮތުން ރައީސް ޖެއާ މަގުމަތީގައި ޕިއްޒާ ކެއުން ވެގެން ދިޔައީ ސަޕޯޓަރުންނަށް ވަރަށް ކަމުދިޔަ ކަމަކަށެވެ. ސަޕޯޓަރުން ބުނެފައިވަނީ ރައީސް ޖެއާއަކީ ބޮޑާ މީހެއް ނޫން ކަމަށާއި ސާދާ މީހެއް ކަމަށެވެ. މަގުމަތީގައި ހުރެ ކާން ޖެހުމުން ކެއުން އެއީ އެކަމުގެ ހެއްކެއް ކަމަށް ވެސް ސަޕޯޓަރުން ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ބްރިޓިޝްގެ ޕްރައިމް މިނިސްޓަރާއި އެކު ބައިވެރިވި ބައްދަލުވުމެއްގައި ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ރައީސް ޖެއާއާ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ އަދި ދެ ޑޯޒް ވެކްސިން ފުރިހަމަ ނުކުރާ ކަމަށެވެ.