ކެންޓަކީގެ ދެޒުވާނުން އުއްމީދުކޮށްގެން ތިބީ މިދިޔަ މަހަކީ އެމީހުންނަށް އަންނާނެ އެންމެ އުފާވެރި ދުވަސްތަކަށް ވާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ.

އެމެރިކާގެ ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ސާޖެންޓް އޮސްޓިން އޭނާގެ ފިއާންސޭ އުމުރުން 29 އަހަރުގެ ސަމަންތާ އާއި ކައިވެނި ކުރަން ނިންމާފައި އޮތް އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އިލިނޮއިސްގައެވެ. ނަމަވެސް ކޮވިޑް ޖެހިގެން ސަމަންތާ އެދުވަހު އޮންނަން ޖެހުނީ ވެންޓިލޭޓަރުގައެވެ. އަދި އެންމެ ފަހުން ސެޕްޓެމްބަރ 10 ވަނަ ދުވަހު ސަމަންތާ ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކައިވެނި ޕާޓީގެ އުފާވެރި ހަރަކާތްތަކަށް އާއިލާ މެންބަރުންނާއި ރަހުމަތްތެރިން އެއްތަންވުމުގެ ބަދަލުގައި އެމީހުން އެއްތަންވާން ޖެހުނީ ސަމަންތާގެ ޖަނާޒާއަށެވެ.

ސަމަންތާ ކޮވިޑަށް ފައްސިވެފައި ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ނުޖަހައި ހުއްޓައެވެ. އޭނާގެ އާއިލާ މެންބަރުން މައުލޫމާތުދޭ ގޮތުގައި ކޮވިޑުން ދިފާއުވުމަށް ސަމަންތާ ވެކްސިން ނުޖަހައި ހުރީ ވެކްސިނާއި ގުޅޭ ގޮތުން ލިބުނު ނުރަނގަޅު މައުލޫމާތުތަކުގެ ސަބަބުންނެވެ. އޭނާ ވެކްސިން ޖެހުމަށް ޖުލައި މަހު އެޕޮއިންޓަމެންޓް ހެދި ނަމަވެސް ފަހުން އެޕޮއިންޓްމެންޓް ކެންސަލް ކުރީ ކޮވިޑަށް އެމެރިކާ އިން ފައްސިވާ މީހުންގެ އަދަދު އެދުވަސްވަރު އިތުރުވާން ފެށުމުންނެވެ. "ވެކްސިން ޖެހި ނަމަވެސް ވަކި ބަދަލެއް ނާން ކަމަށް ސަމަންތާ އަށް ގަބޫލު ކުރެވިފައި އޮތީ. އެއީ ވެކްސިން ޖެހި ބައެއް މީހުންނަށް ވެސް ކޮވިޑް ޖެހުމުން." އާއިލާ މެންބަރަކު ބުންޏެވެ.

ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖަހާ ފަހުން ކޮވިޑް ޖެހުނު ނަމަވެސް ކޮވިޑް ޖެހިގެން ހާލަތު ގޯސްވުމުގެ ފުރުސަތު ކުޑަވެއެވެ. ކޮވިޑް ޖެހުނު ފަހުން ސަމަންތާ ވަނީ ވެކްސިން ނުޖަހައި ހުރެވުނީތީ އެކަމާއި ހިތާމަ ކުރާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު