މީސް މީޑިއާގެ ވިއުގަތަކަކީ މިހާރުގެ ޒުވާނުންގެ ދިރިއުޅުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކި ކަހަލަ މަސައްކަތް ކުރާ، އެކި ފަންނުގެ އެކި ހުނަރުގެ ކުދިން މިއަދު މީސް މީޑިއާާގައި އެ ކުދިންގެ ހުނަރުތައް ދައްކާލައި، އާންމުންގެ މެދުގައި މަގްބޫލުކަން ހޯދަމުންދެއެވެ. މީގެ ތެރެއިން ރާއްޖެއިން މިއަދު އެންމެ ކުރިއަރާފައިވާ، އެންމެ ބޮޑަށް ފާހަގަވާނެ އެއް ފަންނަކީ ފޮޓޯގްރަފީގެ ދާއިރާކަން ގައިމެވެ.

މި ކުޑަ ރާއްޖެއަށް ބަލާއިރު ފޮޓޯ ނަގާ ކިތަންމެ ކުއްޖަކު ހުރި ކަމުގައި ވިޔަސް، ފޮޓޯގްރަފީގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދައި، ވީޑިއޯ އާއި ފޮޓޯ ފުރިހަމައަށް އެޑިޓްކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިގަންނަން އެނގެނީ ވަރަށް މަދު މީހަކަށެވެ. އެގޮތުން މިއީ ރާއްޖޭގައި ފޮޓޯގްރަފީގެ ދާއިރާއިން އުހުގައި ފިޔަޖަހަމުންދާ ކުޅަދާނަ އަދި ހުނަރުވެރި ފޮޓޯގްރާފަރު/އެޑިޓަރު ކަމަށްވާ، ހދ.ކުޅުދުއްފުއްޓަށް އުފަން މަޒީން މުއުތަސިމް މުހައްމަދު 22، އެވެ.

ފޮޓޯ ނަގައި އެޑިޓް ކުރަން ޝައުގުވެރިވި ގޮތް!

މަޒީން އަކީ މިއަދު ރާއްޖެ އިން ފާހަގަ ކޮށްލެވޭ އެންމެ ހުނަރުވެރި އެއް ޒުވާން ފޮޓޯގްރާފަރު އަދި އެޑިޓަރުކަން ގައިމެވެ. އައިވެލް ސްޓޫޑިއޯގައި މަސައްކަތް ކުރާ މަޒީން އަކީ ފޮޓޯ ނެގުމުގެ ހުނަރާއި، ފޮޓޯ އެޑިޓް ކުރުމުގެ ހުނަރުން ފުރިފައިވާ މީހެއްކަން އޭނާ ނަގައި އެޑިޓްކޮށްފައިވާ ކޮންމެ ފޮޓޯއަކުން ދައްކުވައިދެއެވެ.

މަޒީން ނަގާފައިވާ ފޮޓޯއަކާއި އޭގެ އެޑިޓް ކޮށްފައިވާ ފޮޓޯއެއް

ހޮބީއެއްގެ ގޮތުގައި މަޒީން މި މަސައްކަތް ކުރަމުން އަންނައިރު، އެންމެ ފުރަތަމަ ފޮޓޯނަގަން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. އޭރުވެސް ސްޓޫޑިއޯއެއްގައި މަސައްކަތް ކުރަމުންދިޔަ މަޒީން އަކީ ފޮޓޯގްރަފީގެ ހުނަރުން ފުރިފައިވާ ކުޅަދާނަ ޒުވާނެކެވެ. މީގެ ހައެއްކަ އަހަރު ކުރިން ފޮޓޯ ނަގައި އަމިއްލައަށް ފޮޓޯ އެޑިޓް ކުރަމުންދިޔަ މަޒީންގެ ހިތުގައި މިކަމަށް އިތުރު ޝައުގުވެރިކަމެއް އުފެދި، ވީޑިއޯވެސް އެޑިޓްކުރަން ފެށިއެވެ.

"ކުރީގައި މީހުން ހަދާފަ ހުންނަ މަޖާ ވީޑިއޯތައް ފެނިގެން ވީޑިއޯ ހަދަންފެށީ. ފޮޓޯ ނަގަން ފެށުނީ ކެމެރާއެއް ލިބުނީމަ ފުރަތަމަ ދައްތަމެންގެ ފޮޓޯނަގަން ފެށީ. ދެން އެހެން ނަގާ ފޮޓޯތައް ފޭސްބުކްއަށް އަޕްލޯޑް ކޮށްފަ ހުއްޓަ ފެނިގެން ސްޓޫޑިއޯއަކުން ފުރުސަތު ދިނީ" ފޮޓޯ ނެގުމާއި ވީޑިއޯ އެޑިޓް ކުރުމުގެ މަސައްކަތުގެ ތެރެއަށް މަޒީންއަށް ވަދެވުން ގޮތް ކިޔައިދެމުން ބުންޏެވެ.

މަޒީން ނަގާފައިވާ ފޮޓޯއަކާއި އޭގެ އެޑިޓް ކޮށްފައިވާ ފޮޓޯ

ފޮޓޯތައް އެޑިޓް ކުރަން ވަރަށް މޮޅު!

މަޒީންގެ އިންސްޓަގްރާމް އެކައުންޓް ބަލާލާ މީހަކަށް ފޮޓޯތައް އެޑިޓްކުރުން ފުރިހަމަކަން ފާހަގަވާނެއެވެ. ހަލާކުވެފައިވާ ކާރުތަކާއި، ސައިކަލުތަކުގެ ފޮޓޯނަގައި، މަޒީންގެ ހުނަރުވެރި އެޑިޓް ކުރުމުން އެ އުޅަނދުތައް ޑިޒައިން ކޮށްލަނީ ވަރަށް ފުރިހަމައަށެވެ. އެންމެ ފުރަތަމަ މި މަސައްކަތް ކުރަންފެށި ދުވަހާއި އަޅާބަލާއިރު، މިހާރު މަޒީންގެ މަސައްކަތަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.

ފޮޓޯގްރަފީ ދާއިރާއިން ކިޔަވާފައިނުވި ނަމަވެސް، ކުދި ޓިއުޓޯރިއަލް ވީޑިއޯ ބަލައި، އަމިއްލައަށް މި ހުނަރު ތަރައްގީކުރަން މަޒީން މަސައްކަތް ކުރެއެވެ. އެގޮތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި މަސައްކަތުގެ ސްޕީޑް މަޒީން ފާހަގަކުރިއެވެ.

"ގިނަ ވަގުތު ހޭދަވަނީ ބޮޑަށް ހަލާކުވެފަ ހުންނަ ކާރުތަކުގެ ފޮޓޯ އެޑިޓްކުރަން. މިހާރު އަބަދު މިގޮތަށް ފޮޓޯ އެޑިޓް ކުރާތީ އެންމެ ގިނަވެގެން ދެ ގަޑިއިރު ތެރޭގައި އެޑިޓްކޮށް ނިންމާލެވޭ" މަޒީން ކިޔައި ދިނެވެ.

މަޒީން މޫތަސިމް މުހައްމަދު

މަޒީން ބުނީ މިހާރު އެންމެ ނަގާހިތްވަނީ ވެސް ކާރާއި ސައިކަލުގެ ފޮޓޯ ކަމަށެވެ. ހަލާކުވެފައި ހުންނަ ކާރުތަކުގެ ފޮޓޯ ނަގައި، އޭގެ ސިފަ މުޅިން ބަދަލުކޮށް އެޑިޓް ކޮށްފައިވާއިރު، ހަލާކު ނުވާ ކާރުތަކަށް ވެސް އެޑިޓް ކޮށްގެން ބަދަލުތަކެއް ގެނެސްފައިވެއެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަޒީން އެންމެ ހިތްހަމަޖެހޭ މަސައްކަތެއް ކަމަށް ބުނީ އެޑިޓް ކޮށްފައިވާ ޕޮލިސް ކާރެއްގެ ފޮޓޯއެވެ. މަގުމަތީގައި އެ ކާރު ޕާކް ކޮށްފައި އޮތްވަ މަޒީން ނަގާފައިވާ ފޮޓޯ ވަނީ އެޑިޓްކޮށް، ކާރަށް އިތުރު ބަދަލުތަކެއް ގެނެސްފައެވެ.

މީގެ އިތުރުން އެންމެ ބޮޑަށް އެޑިޓް ކުރަން ޖެހުނު ފޮޓޯއެއްގެ ގޮތުގައި މަޒީން ފާހަގަކުރީ ރަތް ކުލައިގެ ކާރެއްގެ ފޮޓޯއެވެ. އެ ފޮޓޯއިން ފެނިގެންދާ އަސްލު ކާރަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކާރެކެވެ. ކާރުގެ ކަވަރު ސެޓު ވެސް ހަލާކުވެފައިވާ އެ ކާރުގެ މަންޒަރު މަޒީން އެޑިޓް ކޮށްފައިވާއިރު، ކާރަށް ލިބިފައިވާ ގެއްލުންތައް މުޅިން ފޮރުވާލާއި މުޅިން ތަފާތު މަންޒަރަކަށް އެ ކާރުގެ މަންޒަރު ބަދަލުކޮށްލާފައިވެއެވެ.

މަޒީން ނަގާފައިވާ ފޮޓޯއަކާއި އޭގެ އެޑިޓް ކޮށްފައިވާ ފޮޓޯއެއް

2015 ވަނަ އަހަރުން ފެށިގެން ފޮޓޯ ނެގުމާއި، އެޑިޓް ކުރުމުގެ މަސައްކަތް ކުރުމުގައި މަޒީން ކުރިޔަށްދިޔައެވެ. މި ދާއިރާއިން ކުރިޔަށް ދިއުމުގައި އޭނާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކޮށް ބުނީ، އެންމެ ބޮޑުކަމަކަށް އޮޓޯމެޓިކް އެއްޗެހީގެ ފޮޓޯ ނަގަން ބަލާއިރު ރާއްޖޭގައި ކާރާއި ސައިކަލުފަދަ ތަކެތި މަދުކަން ފާހަގަކުރިއެވެ. އަދި މިފަދަ އެއްޗެހީގެ ފޮޓޯ ނަގަން ބަލާއިރު، އެ އުޅަނދުތައް ދުއްވަން ޓްރެކެއް ނެތުމަކީ ވެސް އުނދަގޫވާ ކަމެއްކަން މަޒީން ފާހަގަ ކޮށްފައިވެެެއެވެ. އެހެންވިޔަސް މަޒީން ހުރީ އެ ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދިއުމުގެ އަޒުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒުއްބެ

    ކޫލް ގާއީ މަޒީން 👍🏿

    18
    2
    • ޒުއްބެ

      ކޫލް ގާއީ މަޒީން

  2. ހަންޕޮ

    މީނަގެ ވީޑިއޯގްރަފީ ހަބޭސް..
    މޮޅު މީހެއް..❤️❤️❤️❤️

    19
    2
  3. މުޙައްމަދު

    މަޒީން އަކީ މަސައްކަތަށް ފަރުވާތެރި، ހިއްވަރާއިއެކު މަސައްކަތްކުރާ ޒުވާނެކެވެ. ކާމިޔާބީއަށް އެދެން.

    18
    2
  4. ޕްރަޑޭސް

    މެން އެއް މައްޒެ

  5. ޕްރަޑޭސް

    މާޝާ الله