ސްމާޓް ފޯނުތަކަށް އޮންނަ ޑިމާންޑު ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު ފޯންތައް ޗާޖު ކުރުމަށް ބޭނުންކުރާ ޗާޖަރަކީ ހުރިހާ ފޯނެއްގައިވެސް ބޭނުންކުރެވޭ ޗާޖަރަކަށް ހެދުމަށް ޔޫރަޕިއަން ޔޫނިއަން އިން ބާރު އަޅައިފިއެވެ.

އީޔޫ އިން މިކަމަށް ބާރުއަޅަނީ މިހާރު ބޭނުން ކުރާ ޗާޖަރުތައް އުކާލުމުގެ ބަދަލުގައި އެހެން ފޯނެއް ގަތް ނަމަވެސް އެ ފޯނެއްގައިވެސް އެ ޗާޖަރެއް ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ. އަދި އިސްރާފުކުރާ މިންވަރު މަދުކުރުމުގެ ބޭނުމުގައެވެ.

އެޕަލް އިން މިކަމާއި އެއްކޮޅަށް ވާހަކަ ދައްކާފައި ނުވާއިރު އެ ކުންފުނިން ބުނީ މިފަދަ ކަމެއް ކުރާނަމަ އާ އުފެއްދުންތައް އީޖާދުކުރުމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ. އީޔޫ އިން ވަނީ އެއް ޗާޖަރަކުން ހުރިހާ ފޯނެއް ޗާޖުކުރެވޭގޮތް ހެދުމަށް ޕްރޮޕޯޒަލްއެއް ހުށައަޅާފައެވެ. އަދި އީޔޫގައި ވިއްކާ ފޯނުތައް މިގޮތަށް ހެދުމަށްވެސް ވަނީ ބާރުއަޅާފައެވެ.

ޓެކް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކުންފުނި އެޕަލް އިން އީޔޫގެ ޕްރޮޕޯޒަލްއާ ދެކޮޅު ހަދާފައިވާއިރު އެ ކުންފުނިން އުފައްދާ ފޯނުތައް ޗާޖުކުރުމަށް ބޭނުންކުރަނީ "ލައިޓްނިން" ކަނެކްޓާއެކެވެ.

އެޕަލް އިން ބުނާގޮތުގައި 2030 ވަނަ އަހަރު އަންނަންވާއިރަށް އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ ހުރިހާ އުފެއްދުމެއްވެސް ކާބޮން ނިއުޓްރަލް ކުރުން ކަމަށެވެ.

އީޔޫގެ ޕްރޮޕޯޒަލްގައި އެއް ޗާޖަރަކުން ހުރިހާ އެއްޗެއް ޗާޖުކުރެވޭ ގޮތް ހަދަނީ ފޯންތަކާއި، ޓެބްލެޓް، ކެމެރާ، ހެޑްފޮން، ސްޕީކަރު އަދި ވީޑިއޯ ގޭމް ކުޅޭ އެއްޗެހިއެވެ.