މަރުވެފައިވާ ކަމަށް ނިންމާފައިވާ ދަރިއަކު އޭނާގެ މަންމައާއި ހަމަސް ފަހުން ބައްދަލުވެއްޖެއެވެ.

ލެވިސް ރޮބާޓްސް ނަމަކަށް ކިޔާ އެ ފިރިހެން ކުއްޖާ ނިޔާވެފައިވާ ކަމަށް އޭރު ނިންމާފައިވަނީ ވޭނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ.

މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ހިނގާދިޔަ މި އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބޮލަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް ފަރުވާ ކުރަމުން ގޮސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމީ އޭނާގެ ސިކުނޑި މަރުވެފައިވާތީއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން ސިކުނޑި މަރުވެއްޖެ މީހަކީ އެއީ ދުނިޔެއިން ވެސް މަރުވެފައިވާ މީހެކެވެ.

ރޮބާޓްސް މަރުވުމާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ އޭނާގެ ގުނަވަންތައް އެހެން މީހުންނަށް ދިނުމަށް ނިންމާފައެވެ. އެއީ އޭނާއަށް ވެސް ކުރެވޭނެ ހެޔޮ ކަމަކަށްވާތީއެވެ.

އެހެން ނަމަވެސް އެމަހުގެ 18 ވަނަ ދުވަހު އޮޕަރޭޝަނަށް ތައްޔާރުވެފައި ވަނިކޮށް ރޮބާޓްސް ވަނީ އޭނާގެ ލޯ ފުރަތަމަ ފަހަރަށް ހުޅުވައި މެޝިނެއްގެ އެހީއާއި ނުލައި ނޭވާލާން ފަށާފައެވެ. އޭރު އޭނާގެ އުމުރުން 19 އަހަރު ފުރިއްޖެއެވެ. މެޝިނެއްގެ އެހީއާއި ނުލައި އޭނާ ނޭވާލި ނަމަވެސް އޭނާގެ ހާލަތު ވަކި ރަނގަޅެއް ނުވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އޭގެ ދުވަސްތަކެއް ފަހުން އޭނާގެ ހާލަތު ރަނގަޅުވަމުން އައިސް އަނގަވެސް ކޮންމެ ވެސް ވަރަކަށް ތަޅުވަން އޭނާއަށް ފެށުނެވެ. އެހެން ނަމަވެސް އޭނާއަށް ވާހަކައެއް ނުދެއްކެއެވެ. އާއިލާއިން ތިބީ އޭނާ ރަނގަޅުވަމުން އަންނާތީ ވަރަށް ވެސް އުފަލުންނެވެ.

އާއިލާއިން އެންމެ އުފާވި ދުވަހަކީ އޭނާ މަރުވިތާ ހަ މަސް ފަހުން ވާހަކަ ދައްކަން ފެށި ދުވަހެއެވެ. ވާހަކަ ދެއްކެން ފެށުނުތަނާ ގޮތަކަށް އެންމެ ފުރަތަމަ ވެސް އޭނާ ބުނެފައި ވަނީ "މަންމަ ދެކެ ވަރަށް ލޯބިވޭ" މި ބަހެވެ.