އިންޑިއާގައި އަށް މަސްވަންދެން އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު މިހާތަނަށް 29 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކުއްޖާއާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެކުއްޖާ ރޭޕް ކުރުމުގައި 33 މީހަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 2 ކުދިން ތިބި ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެކުއްޖާ އެންމެ ފުރަތަމަ ރޭޕް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން އަށް މަސްވަންދެން އެކަން ކޮށްފައިވަނީ ކުއްޖާގެ ބަރަހަނާ ވީޑިއޯ ނަގައި ރޭޕް ކުރި ވީޑިއޯ ނަގައިގެން ބިރުދައްކައިގެން ކަމަށެވެ.

އަށް މަސްވަންދެން ކުއްޖާގެ އާއިލާއަށް އެކަން އެނގިފައި ނުވާ ކަމަށާއި އެކަން އެނގުނު ހިސާބުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ 29 މީހުންގެ މައްޗަށް ގަދަކަމުން މީހަކާއި އެކީ ޖިންސީ ގޯނާ ކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، މީގެ ދެހަފްތާ ކުރިން ވެސް މުމްބާއީގެ ބަހެއްގެ ތެރޭގައި ރޭޕްކޮށް މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އިންޑިއާގައި އަންހެނުންނާއި ތުއްތު ކުދިން ރޭޕް ކުރާ މީހުންނާއި މެދު އެގައުމުން ހަރުކަށި ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.