ދޭތެރެ ދޭތެރެއިން އިވޭ އަޑެކެވެ. ގޮތް ނޭނގޭ އުޅަނދެއް ދުނިޔެއަށް ތިރި ކުރީއެވެ. ނުވަތަ ކޮންމެވެސް ބަޔަކަށް ނުވަތަ މީހަކަށް އެފަދަ އުޅަނދެއް ފެނުނީއެވެ. ސައިންސް ފިކްޝަން ފިލްމުތަކާއި ވާހަކަތަކުގައި ބުނާ އޭލިއަނުންގެ އުޅަނދެއް ދުނިޔެއަށް އައީ ކަމަށް މިފަދަ ޚަބަރެއް އިވޭ ކޮންމެ ފަހަރަކު އެތައް ބަޔަކު ބުނެއެވެ.

މިފަހަރު މިއޮތީ ކެނެޑާ އިން ގޮތް ނޭނގޭ އުޅަނދެއް ފެނުނު ޚަބަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކެނެޑާގެ ދެ ފްލައިޓެއްގައި ތިބި ޕައިލެންޓުންނަށް ވަނީ ގޮތް ނޭނގޭ އާދަޔާއި ހިލާފު އުޅަނދެއް ޖުލައި މަހުގެ 30 ވަނަ ދުވަހު ފެނިފައެވެ.

އެންޓާޓިކާ ކޯސްޓުން ދަތުރުކުރި ކެނެޑާގެ އަސްކަރީ ފްލައިޓަކާއި ކޮމާޝަލް ފްލައިޓެއްގައި ތިބި ޕައިލެޓުންނަށް އުޅަނދެއް ފެނިގެން އެކަން ރިޕޯޓް ކޮށްފައި ވެއެވެ. ކެނެޑާ ސަރުކާރުގެ އޭވިއޭޝަން އިންސިޑެންޓް ޑޭޓާބޭސްގައި ބުނެފައިވާ ގޮތުގައި ޕައިލެޓުންނަށް ފެނުނީ "ފެހި ކުލައިގެ ވަރަށް އަލިގަދަ އުދުހޭ އުޅަނދެކެވެ."

ޕައިލެޓުން ބުނާ ގޮތުގައި އެއުޅަނދު އުދުހިފައި ގޮސް ވަނީ ފުސްގަނޑެއްގެ ތެރެއަށެވެ. އެހައި ހިސާބުން ދެން އެއުޅަނދަށް ވީގޮތެއް ނޭނގެއެވެ. މިއުޅަނދުގެ ސަބަބުން އެއްވެސް ފްލައިޓެއްގެ ދަތުރަށް ހުރަހެއް އެޅިފައެއް ނުވެއެވެ.

އަސްކަރީ ފްލައިޓްގެ ޕައިލެޓުން ބުނާ ގޮތުގައި އެމީހުންނަށް މިއުޅަނދު ފެނުނީ ހާހެއްހައި ފޫޓް ދުރުންނެވެ.

ޔޫއެފްއޯތަކާއި ބެހޭ ގޮތުން ދައްކާ ގިނަ ވާހަކަތައް ވެސް އޮންނަނީ އޭލިއަނުންގެ ވާހަކަތަކެކޭ އެއްފަދައިން މާގިނަ މައުލޫމާތެއް ނޭނގޭ ކަމެއްގެ ގޮތުގައެވެ. މިފަދަ އުޅަނދުތަކުގެ ވާހަކަތައް ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ސިއްރު ކުރާކަމަށް ވެސް ތުހުމަތު ކުރެވެއެވެ. ހާއްސަކޮށް އެމެރިކާ އިން މިފަދަ މައުލޫމާތުތައް ސިއްރު ކުރާކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މި ޚަބަރު ލިޔުއްވި ފަރާތަށް ދަންނަވާލަން ބޭނުން ވަނީ އެއީ ހަމަ ތެދެއްބާއެވެ؟

    11
    1
  2. ހުސޭނުބޭ

    އިރުއަރައިގެން އަންނަތަން އެ ފެންނަނީ. ކޮންތާކު ބީތާތަކެއް އެވަރު ނޭގެގެން އުޅެނީ!

    7
    2
  3. ޙެހެ

    ތީ ގޮނޑުދަށުގަ ހުރެ މީހަކު ނަގާފަ ހުރި ފޮޓޯއެއް!!!

    10