ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖެހުމަށް އެކި ގައުމުތަކުގެ ސަރުކާރުތަކުން ބާރު އަޅަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު އަދިވެސް ވެކްސިން ނުޖަހާ ވަރަށް ގިނަ މީހުން އެބަތިއްބެވެ. އޮސްޓްރޭލިއާގެ ސިޑްނީގެ ކެފޭއަކުން މިވަނީ ވެކްސިން ނުޖަހާ މީހުންނަށް ވެސް ހިދުމަތް ލިބޭނެ ގޮތް ހަދައިފައެވެ.

އެ ކެފޭ އިން ބުނީ އެތަނުން ވެކްސިން ޖަހާފައިވާ މީހުންނަށާއި ވެކްސިން ނުޖަހާ މީހުންނަށް ވެސް ހިދުމަތް ލިބޭނެ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ކެފޭތަކާއި ރެސްޓޯރެންޓުތަކުން މިހާރު ދެވެނީ ހަމައެކަނި ރޭކްއަވޭގެ ހިދުމަތް އެކަނިއެވެ. މި ހިދުމަތް މި ކެފޭއިން ލިބެމުން ދެއެވެ.

ހޯލްފުޑް ނަމަކަށް ކިޔާ މި ކެފޭގެ އިސްފަރާތް ކަމުގައިވާ އެންތޮނީ މައިލޯޓިކް ބުނީ އެންމެންނަށް އެ ކެފޭއިން ހިދުމަތް ލިބިގަތުމަށް ހުޅުވާލީ އެއްވެސް ބަޔަކު ބާކީކޮށްނުލާ އެންމެންނާ މެދު ހަމަހަމައަށް ކަންތައް ކުރުމުގެ ގޮތުންނެވެ.

މީގެ ހަ އަހަރު ކުރިން ހުޅުވި މި ރެސްޓޯރެންޓުން ބުނާގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެކްސިން ނުޖަހާ ފަރާތްތަކަށްވެސް ރެސްޓޯރެންޓުގައި ތިބެގެންވެސް ހިދުމަތް ލިބިގަތުމަށް ހުޅުވާލާނެ ކަމަށެވެ.

ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ވެކްސިން ނުޖަހާ މީހުންނާއި ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދޭނެތޯ ނުވަތަ ނޯންތޯ އެއީ އަދި ޔަގީންވާ ކަމެއް ނޫނެވެ.