މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި މީގެ އަހަރުތަކެއް ކުރީން ހިނގައިދިޔަ ހަޤީޤީ ހާދިސާއެކެވެ. މި ވާހަކަ ލިޔެފައި މިވަނީ، ހާދިސާ ދިމާވީ ފަރާތުން "ވަގުތު"އަށް ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ސަބަބުތަކަށްޓަކައި ވާހަކައިގައި ޚިޔާލީ ނަންތައް ބޭނުންކުރެވިފައިވާއިރު، ބައެއް ބައިތަކަށް އުނިއިތުރު ވެސް ގެނެވިފައި ވާނެއެވެ.

ޖިންނި ޝައިތާނުންނަކީ އުޅޭ އެއްޗެއް ކަމެއް އޭރު އަހަންނަކަށް ޤަބޫލެއް ނުކުރެއެވެ. އަހަންނަށް އިހުސާސް ކުރެވިފައި އޮތީ އެއީ ޚިޔާލީ އެއްޗެއްގެ ގޮތުގައެވެ. ޖިންނީންގެ އުނދަގޫ ކުރިމަތިވެ ޖިންނި މޮޔަވާ ވާހަކަވެސް އަހަރެން އަޑުއަހައި އުޅެނީ މީހުން ކިޔާތީއެވެ. ދުވަހަކުވެސް އެފަދަ ކަމެއް އޭރު އަހަންނަށް ތަޖުރިބާ ކުރެވިފައި ނުވުމުންނާއި، ޖިންނި އަވަލާފައިވާ މީހަކާއި ދިމާވެފައި ނުވުމުން އަހަންނަށް ޤަބޫލު ކުރެވުނީ އެއީ ހަޤީޤަތެއް ނުވާ "ފުލޯކު" ވާހަކަތަކެއް ކަމުގައެވެ.

އެ ހުރިހައި ކަމެއް ބަދަލުވެ އަހަންނަށް ހަމަ ވިސްނުމަށް އަންނާން މަޖުބޫރުކުރިވި ހާދިސާ އަހަރެން ޙިއްސާ ކުރަނީ އެ ހަނދާންތައް ހިތަށް ވެރިވާ ހިނދު ރޫރޫއަޅާ ހާލުގައެވެ. އެ ހަނދާންތައް އަހަރެންގެ ހިތުގައި އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް، އިއްޔެ ހިނގައިދިޔަ ކަމެއް ފަދައިން ފޭދިފައިވާއިރު، ހިއްވަރުކޮށްފައި އެވާހަކަތައް ދުލުން ކިޔައިދޭއިރު އަހަންނަށް އެ ނާމާން މަންޒަރުތައް ސިފަވެއެވެ.

އެއީ މީގެ ހަތް އަހަރު ކުރިއެވެ. އާދައިގެ މަތީން އެރޭވެސް އަހަރެން ދިޔައީ "ސައިކަލު ބުރެއް" އަޅާލާށެވެ. މިގޮތަށް ދާ ކޮންމެ ރެއެއްގައިވެސް އަހަރެންގެ އަމާޒަކަށްވަނީ މަގުމަތިންދާ ކުދިންނާއި ފޮށުމެވެ. ރީތި އަންހެން ކުއްޖަކާއި ދިމާވެއްޖެނަމަ ނަމްބަރު ލިބޭތޯ އަބަދުވެސް މަސައްކަތް ކުރެވެއެވެ. ގިނަ އަންހެން ކުދިން "ސެޓު" ވުމަކީ ކާމިޔާބު ފިރިހެނަކަށް ވުމަށް ކޮންމެހެންވެސް ބޭނުންވާ ކަމެެއްގެ ގޮތުގައި އަހަންނަށް ޤަބޫލުކުރެވިފައި އޮތެވެ. ނަމަވެސް އެ މަސައްކަތުގައި ކާމިޔާބާއި ހަމައަށް އަހަންނަށް ވާސިލުވާގޮތް ނުވެއެވެ.

ހަވީރު ގެއަށް ދިޔަގޮތަށް ނިދީން ހޭލެވުނުއިރު މާ ލަސްވެފައި ވުމުން އެރޭ އަހަންނަށް ރަށުތެރެއަށް ނިކުމެވޭ ވަރުވިއިރު ގަޑިން 11 ވެސް ޖަހައިފިއެވެ. ނަމަވެސް "ބިޓެއް ފެނޭތޯ" އުޅެން ބޭނުންވެފައި ހުރުމުން އަހަރެން އެރޭވެސް "ނައްޓާލީ" އުންމީދުން ފުރިގެން ހުރެއެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅާއި ހަމައަށް ދެވުނުއިރުވެސް އަހަންނަށް ރީތި އަންހެން ކުއްޖަކު ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އެއީވެސް ބަދުނަސީބު ރެއެއްކަމުގައި ނިންމައި ގެޔާއި ދިމާލަށް މިސްރާބު ބަދަލުކޮށްލީ އެކެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. މޯޅިވެފައި ހުރެގެން ކަންނެތްގޮތަކަށް އަހަރެން ދުއްވާފައި ދިޔައީ ރަށުގެ ހުޅަނގުން މޫދު ކައިރީގައި އޮންނަ ނިކަގަސް މަގުންނެވެ. ބޮޑެތި ބިޔަ ނިކަގަސްތައް ތެރެއިން ހެދިފައިވާ އެ މަގުގައި، ސައިކަލުގެ ލައިޓުން އެޅޭ އައްޔާއި ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން އައިސް ބިންމައްޗަށް އެޅިފައިވާ ހަނދުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ނެތެވެ.

މަގުގެ މެދާއި ހަމައަށް ދެވުނުތަނާ އަހަންނަށް އެއް ކައިރިއަކުން ހިގާފައިދާ މީހަކު ފެނުނެވެ. އެހެންކަމުން ސައިކަލުގެ ލައިޓު "ހައިބީމް" ކޮށްފައި ރަނގަޅަށް ބަލައިލީމެވެ. އެއީ ޒުވާން އަންހެން ކުއްޖެކެވެ. އަހަރެން ބޭނުންވާ ހުރިހައި ސިފައެއް އޭނާއަށް ލިބިފައި ވެއެވެ. ރީތި ފަން ދިގު އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސާދާ ހިނގާލުމެއްގައި ދާތަން ފެނި އަހަރެންގެ ހިތް އޭނާއަށްޓަކައި ގުރުބާންކޮށްލެވުނު ފަދައެވެ. އަހަރެން އަވަސްވެގަތީ އެއީ ކޮން ކުއްޖެއްތޯ ބެލުމަށެވެ. އެހެންކަމުން ސައިކަލުގައި ގޮސް އޭނާއާއި އަރައި ހަމަކޮށްފައި މަޑުމަޑުން ގޮވައިލީމެވެ. އިސްޖަހައިގެން ލަދުން ހުރި އެ ޒުވާނާގެ މޫނުމައްޗަށް ވެރިވެފައިވީ ފަނޑު ހިނިތުންވުމެކެވެ. އެ ޖާދުވީ މޫނުމަތިން ފެނިގެންދަނީ ފަރިވެފޮޅިފައިހުރި ހޫރެއްގެ ފުރިހަމަ ކަމެވެ. އޭނާ އަހަންނާއި އަނގައިންވެސް ބުނުމުގެ މާ ކުރީން އަހަރެންގެ ހިތް އޭނާއަށް ހަދިޔާކޮށް ނިމިއްޖެއެވެ.

"ތިޔައީ ކޮން ކުއްޖެއް؟ މިގަޑީގަ އެކަނި ކޮންތަނަކަށް؟ ލިފްޓެއް ބޭނުންތަ؟" އެއްފަހަރާއި އެތައް ސުވާލެއް އަހަރެން އޭނާއާއި ކުރިމަތިކުރުވީމެވެ. އެއާއި އެކު ހުއްޓިލާފައި އޭނާ އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އަހަންނަށް ވީގޮތެއް ހުދު އަހަންނަކަށްވެސް ނޭގެއެވެ. ބުނެދޭން ނޭނގޭ "އެތައް ހާސް އިހުސާސެއް" އަހަންނަށް ދިޔައީ ކުރެވެމުންނެވެ.

"އަހަރެން ވަރަށް ފޮޓޯ ނަގާހިތްވޭ. މިރޭ ކޭތަ ހިފާތީ އެމަންޒަރު ފޮޓޯ ނަގާލަން މި ދަނީ. ލިފްޓެއް ބޭނުމެއް ނޫން. ހަމަ މި ދިމާލުން ގޮނޑުދޮށަށް މި ދަނީ. ބަޓް ތޭންކްސް ވަރަށް ބޮޑަށް،"

އޭނާގެ ވާހަކަތައް އަޑުއަހާފައި އަހަންނަށް ލިބުނީ އިތުރު ހިއްވަރެކެވެ. "އެހެން އަންހެން ކުދިންނާއި ޚިލާފަށް"، އަވަހަށް އަނގައިންވެސް ނުބުނެ ދިއުމުގެ ބަދަލުގައި އަހަންނާއި އޭނާ ވާހަކަދެއްކުމުން ވަރަށް ހިތްހަމަވެސް ޖެހުނެވެ. އެހެންކަމުން އޭނާ އަހަންނަށް ކާމިޔާބުވެއްޖެ ކަމަށް ނިންމައި އަހަރެންގެ ހަވާނަފްސު ބުނަމުންދިޔަ ގޮތާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓީމެވެ.

"އަހަންނަށް ކިޔަނީ އިރުޝާދު. ތީ؟ އަހަރެންވެސް އަސްލު މިދަނީ ހަނދުކޭތަ ހިފާ މަންޒަރު ބަލާލަން. އަނެއްކާ އޯކޭތަ އެކީގަ ދިޔަޔަސް" އަހަރެންގެ ހީލަތްތެރި ބަސްތަކުން އެނާގެ ސިކުނޑިއާއި ކުޅެލެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ.

"އޯހް. އަހަންނަށް ކިޔަނީ ރާނީ. އާން...ދެން އޯކޭ.. މިއީ މީހެއްގެ ތަނެއް ނޫނެއްނު ހުއްދަ ހޯދާކަށް.. ހެހެހެ،" ސަކަ ގޮތަކަށް އޭނާ އަހަންނާއި ދިމާލަށް ބަލަން ހުރެ ހެމުން ބުނެލިއެވެ.

އަލަށް ފެށުނު އެކުވެރިކަމުގެ ގުޅުމަށް މަރުޙަބާކިޔަމުން އަހަރެމެން ދެމީހުން އެކުގައި ހިނގައިގަތީ ގޮނޑުދޮށާއި ދިމާލަށެވެ. ރާނީ ހުރީ އަހަރެންގެ ކުރީގައެވެ. އޭނާގެ ފަހަތުން އަހަރެން ދިޔައީ އުފަލުން ފޮޅިފައި ހުރެގެންނެވެ. އަހަރެންގެ ހިތުގެ ރާނީއަށް އޭނާ ހެދުމަށްޓަކައި ދެން ކުރަންވީ ކަންކަން ހިތަށް ގެންނަމުންނެވެ. ގަސްތަކުގެ ތެރެއިން ގޮނޑުދޮށާއި ހަމައަށް ދެވިއްޖެވެ. އެހެނަސް ކަންތައްވީ ހީކުރިގޮތާއި ޚިލާފަށެވެ. އުޑުމަތި ބަނަވެފައި ވުމުން، ވިލާތައްބޯވެ ހަނދު ވަނީ ފޮރުވާލާފައެވެ.

"ހާދަ ދެރައޭ ދޯ. ދެން ކިހިނެއް ހަދާނީ. ހިނގާ ދުއްވާލަން ދާން.." އަހަރެން ބެލީ ރާނީ އާއި އެކު އެރޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިތުރު ފުރުސަތެއް ލިބޭތޯއެވެ. ހަނދު ފެންނާން ނެތުމުން އޭނާ ގެއަށްދާން އަވަސްވެގެންފާނެތީއެވެ. އޭގެ ކުރީން އަހަރެންގެ މަޅީގައި ރާނީ ޖެއްސޭތޯ ވެސް މެއެވެ.

ހަމަހިމޭންކަންމަތީ ވަގުތުކޮޅެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު ރާނީ އަހަންނާއި އެކު ދުއްވާލަން ދާން އެއްބަސްވިއެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް އޭނާ އެރޭ އަހަންނާއި އެކު ދުއްވާލަންދާން އެއްބަސްވުމުން އެކަން ޤަބޫލުކުރަން އަހަންނަށްވެސް ވީ ދަތިކަމަކަށެވެ. އެ ވިސްނުންތަކުގެ ތެރެއިން އަހަރެން ރާނީއާއި އެކީގައި ހިނގައިގަތީ މަގުގެ އެއްކައިރީގައި ޕާކުކޮށްފައި އިން ސައިކަލާއި ދިމާލަށެވެ.

އަހަރެން ދިޔައީ ރާނީގެ ހިތް ފަތަހަކުރުމަށް ކުރެވުނު ހުރިހައި މަސައްކަތެއް ކުރަމުންނެވެ. އޭނާ "ވައި ވެދާނެތީ" އެކި މައުޟޫތަކަށް އަހަރެން ދިޔައީ ހުއްޓާނުލައި ވާހަކަ ދައްކަމުންނެވެ. ސައިކަލް ސްޓާޓުކޮށްފައި ބޮލުން އިޝާރާތްކުރުމާއި އެކު ރާނީ ސައިކަލަށް އަރައިފިއެވެ. އަހަރެން ކުއްލިއަކަށް ނައްޓާލިގޮތް ބާރުކަމުން ރާނީ ހުރީ އަހަރެންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެއީ އަހަރެން ބޭނުންވެސްވީ ގޮތެވެ. އަހަރެން ގަސްތުކުރީ ރާނީ ގޮވައިގެން ރަށުގެ މީހުން ނޫޅޭ ސަރަޙައްދުން ދުއްވާލަން ދިއުމަށެވެ. އެކަމާއި އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަން އޭނާގެ ވާހަކަތަކުން އަހަންނަށް އެނގެއެވެ.

އެކި ވާހަކައިގައި ދުއްވަމުން ދަނިކޮށް އަހަންނަށް ގަޑި ބަލައިލެވުނުއިރު ގަޑިން 2:30 ވަނީއެވެ. އަހަންނަށް އެކަން ޤަބޫލުކުރަންވެސް ދަތިވިއެވެ. އެހެނަސް އެކަން ރާނީއަކަށް އަހަރެން ނާންގަމެވެ. އޭނާ ގެއަށްދާން ބޭނުންވެދާނެތީ އަހަރެން ނިންމީ އެކަން އޭނާއަށް ސިއްރު ކުރުމަށެވެ. ރަށުގެ އެންމެ ފުއްޓަރާއި ހަމައަށް އޭރު ދެވެނީއެވެ. މަޑު ދުވެލީގައި އަހަރެން ސައިކަލު ދުއްވަމުން ދިޔައީ އެތަނަށްގޮސް މަޑުކޮށްލުމަށް ގަސްތުކޮށްގެންނެވެ.

އެހިސާބަށް ދެވުނުއިރު ރާނީ އާއި އަހަރެން ދައްކަމުން ދިޔަ ވާހަކަތަކަށް ޖަވާބެއް ނުލިބޭތީ އަހަރެން ހީކޮށްގެން ހުރީ އޭނާ މާބޮޑަށް ނިދި އައީ ކަމަށެވެ. އޭރުވެސް އޭނާ އިނީ އަހަރެންގެ އުނަގަނޑުގައި ބައްދާލައިގެންނެވެ. އެހެންކަމުން ސައިކަލު މަޑުކޮށްލުމަށްފަހު ރާނީއަށް އަހަރެން ދެތިން ފަހަރަކު ގޮވައިލުމަށްފަހު އެނބުރި ބަލައިލީމެވެ. އެވަގުތު އަހަންނަށް ފެނުނީ ދުވަހަކުވެސް އަހަރެން ދުށްފަދަ މަންޒަރެއް ނޫނެވެ. ސައިކަލުގެ ފަހަތުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް މީހަކު އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިކަން އަހަންނަށް އެނގެއެވެ.

ކުރިމަތިވެފައި ވަނީ އާދައިގެ ކަމަކާއި ނޫންކަން އަހަންނަށް ތަސައްވުރު ކުރެވުނީ ދެނެވެ. މާ ދުރުން، ބިރުވެރި ގޮތަކަށް ރާނީ ގޮވާ އަޑު އަހަންނަށް އޭރު އިވެމުންދެއެވެ. ނަމަވެސް އެއީ އިންސާނެއް ނޫންކަން އަހަންނަށް ޔަޤީން ކުރެވޭތީ އަހަރެން ބެލީ ސައިކަލު ދޫކޮށްލުމަށްފަހު ދުއްވައިގަތުމަށެވެ. ނަމަވެސް "އޭތި" އަހަރެންގެ ގައިގައި ބާރަށް ހިފަހައްޓައިގެން ހުރުމުން އެކަން ކާމިޔާބެއް ނުވިއެވެ. ސައިކަލުން އަހަރެން ފައިބަން އުޅުމުން އިތުރަށް ބާރަށް ހިފެހެއްޓިހެންވެސް ހީވިއެވެ. އަހަރެން ދެން ބެލީ ކިއުނުހައި ހެޔޮ އެއްޗެއް ކިޔައި އެ ނާމާން ކަމުގެ ތެރެއިން ރެކިގަނެވޭތޯއެވެ. ނަމަވެސް ބިރުން ހުރިވަރުން ކިޔަންވީ ހެޔޮ އެއްޗެއްވެސް އަހަރެންގެ ހިތަކަށް ނާދެއެވެ.

ގުޑާވެސް ނުލެވި "ބިރުން ފިއްކަނޑައިގެންދާވަރު ވެފައި" އަހަރެން ސައިކަލުމަތީ އެތައް އިރެއް ވަންދެން ހުންނާން ޖެހުނެވެ. އަދި އޭގެ ފަހުން ސައިކަލާއި އެކު އަހަރެން ވެއްޓި، ވަރަށް ބާރަށް ގޮސް ބިންމަތީގައި އޮތް އެއްޗެއްގައި އަހަރެންގެ މޫނު ޖެހުނު ހަނދާން އެބަހުއްޓެވެ. އެވަގުތު ދުރުން މީހަކު އަހަންނާއި ދިމާލަށް މަޑުމަޑުން ހިނގާފައި އަންނަ މަންޒަރުވެސް ދެކުނީމެވެ. އޭނާގެ ލޯ ހުރީ ރަތް އަނގުރުގަނޑެއް ހެންނެވެ. އެއީ އަހަންނާއި އެރޭ ބައްދަލުވި ރާނީއެވެ. އެއީ އިންސާނެއް ނޫނެވެ. އެރޭ ދެން ވީގޮތެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ.

އަހަންނަށް ހޭލެވުނީ ރަށުގެ ކުދި ބަޔަކު އަހަންނަށް ގޮވާތީއެވެ. އޭރު އާ ދުވަހަކަށް އިރު އަރައިފިއެވެ. އަހަރެން އޮތީ ސައިކަލު މަތިން ވެއްޓުނު ގޮތަށް އެތަނުގައެވެ. އެރެއަށްފަހު އަހަރެން ރާނީ ނުދެކެމެވެ. އަދި އޭނާ ދަންނަ މީހަކާއިވެސް މިހާތަނަށް ދިމާނުވެއެވެ. އެހެންކަމުން އެއީ އިންސާނެއްގެ ސިފައިގައި އަހަންނާއި ބައްދަލުވި ޖިންނިއެއްކަން އަހަންނަށް ޔަޤީން ކުރެވެއެވެ. އެރޭގެ ބިރުވެރިކަމުގެ ތެރެއިން އަނިޔާއެއް ނުލިބި ސަލާމަތްވީތީ އަހަރެން ޝުކުރުވެރިވަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަދީފު

    ޖިންނި އަކީ އުޅޭ އެއްޗެއް، އެކަން، ގަބޫލުކުރަން، އެކަމު މިވާހަކަ މީ ހަމަ ހިޔާލީ ވަހަކައެއްހެން ހީވަނީ، ދެން ނޭންގެ ޗަކޮޔާ މީގެ ހަގީގަތެއް،

    23
    1
  2. ފިތުރޯނު މަގު

    މަށަށްވެސް ފެނޭ މިގޭ ކުރިމަތިން މިއޮންނަ ފިތުރޯނު ގަސްތަކުގެ ތެރެއިން މީހެއް. ވ.ގިނަ ރޭރޭ ފެންނަ އެ މީހާ ހުންނަނީ އެއް ދިމާލެއްގަ ހުއްޓިހުރެ މިގެއާ ދިމާލަށް ބަލަހައްޓައިގެން. އެއީ އިންސިއެއް ކަމެއް ޖިންނިއެއް ކަމެއް ނޭނގެ..

    13
    2
    • ޙަސަނުލް

      ހުޅުމާލޭގަ ތޯ

      6
      2
      • ފިތުރޯނު މަގު

        ހުޅުމާލެ..

        5
        1
  3. ބަރަބޯ

    ތިވީ ރަނގަޅަށް ދެން އަންހެންކުދިންނާ ނުފޮށޭތި.

    15
  4. Anonymous

    މި ބޮޑަށް ވައްތަރީ ވާހައަކާ.ޢިބާރާތްތަކަށް ކުދިކުދި އިސްލާހުތަކެއް ކޮއްލައިގެން ވާހަކަޔަކަށް ބަދަލުކޮއްލައިގެން ލިޔެފި ނަމަ ހަމަ ވާހަކައަކަށް ފެތޭނެ.

    9
    6
  5. ހަގީގަތް

    ވަރަށް އިންޓްރަސްޓިންގް...ރީތި އަންހެން ކުދިން އަބަދުވެސް ބަލާނީ ލާރި ހުރި މީހުންނަށް..

    9
    4
    • ކޭ

      ފަސޭހައިން ފައިސާލިބެން އޮތްކޮޅަކަށް ކޮންމެ މީހަކުވެސް ދާނެ އަންހެނެއް ފިރިހެނެތް ކިޔާނެކަމެއް ނެތް.

      8
      2
  6. ކުރުވާހަކަ

    ފިއްކެޑިއްޖެ

    11
  7. ރައްޔިތު

    ތިމާ ހެއްދެވި ފަރާތެއް ވާ ކަމައް ގަބޫލުކުރައްޏާ ޖިންނި ސައިތާނުން ވާކަން ވެސް ގަބޫލު ކުރަން ޖެހޭނެ ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކޮއްދެއްވާ ފައި އެފަދަ ކަމަކާއި ދިމާ ވީމަ ދެން ހުންނާނީ އަގަފިފައި

    8
    1
  8. Anonymous

    އަޅުގަނޑު ވާހަކައެއް ދަންނަވައިލިޔަ ދެއްވާ!
    ޖިންނި ޝައިޠާނުންނަކީ އުޅޭ އެއްޗެއް ކަމަށް ޤަބޫލު ނުކުރާ މީހާ ދަންނައެ! އެމީހަކު ﷲ ގެ ފޮތަށް ކާފިރު ވިއްޔޭ. ދަލީލަކީ ޤުރުއާނުގައި "ޖިންނި" ސޫރަތުގެ ނަމުން ސޫރަތެއް ވާކަން. އެކަން ދަލީލަކަށް ފުދޭ.
    ޢާންމުކޮށް މިފަދަ ޖާހިލުން އަހަރުމެން މުސްލިމުންގެ ތެރޭގައި ގިނަވުމުގެ ބިންގަލަކީ، އެމީހުންގެ މައިންބަފައިން ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތު ނުކުރުން. ފެށުމަކީ އެއީ. ދެން އޭގެ މައްޗަށް އޭނާގެ ޢަމަލުތަށް ބިނާވެގެން ދަނީ.

  9. ނޫރު

    ޖިންނިއަކީ އަޅޭއެއްޗެއްކަމާއި، އޭގެއުދަގުލުން ސަލާމަތްވާނެގޮތް ޖިންނި ހެއްދެވިފަރާތުން
    އިންސާނުންނަށް އަ

  10. ވިސްނާ

    ﷲ ގަބޫލުކޮށް އެކަނލާގެ ހެއްދެވިމަޚުލޫގުންތަށް ގަބޫލުކުރާފަރާތަކުން ޖިންނީންއެއީ ނުހައްދަވާ
    ފަރާތެއްކަމަށް އަދިއެއީ ޚިޔާލީއެއްޗެއްކަމަށް ގަބޫލެއްނުކުރާނެ އެއީ ކީރިތި ޤުރްއާންގައިވެސް
    ޖިންނި ޝައިތޯނުންގެވާހަަކަ އައިސްފައިވާތީ އަދި ޖިންނިޝައިތޯނުންގެ ކިބައިން ސަލާމަތްވުމަށް
    ކިޔާނެ ޒިކުރުތަށްވެސް ޖިންނިހެއްދެވިފަރާތުން އަންގަވާފައިވޭ