އިންޑިއާގެ ބިހާރު ސްޓޭޓްގައި ދެމީހުން ކައިވެނި ކުރަން ޕާޓީ ފެށިގެން ކުރިއަށް ދަނިކޮށް އެމީހުންގެ ކައިވެނި ޕާޓީ ކުރިއަށް ދިޔަ ސަރަހައްދާއި މާދުރުނޫން ސަރަހައްދަކަށް ހޮނު އެޅިއެވެ. ހޮނު އެޅުމުގެ ސަބަބުން ކައިވެނި ޕާޓީ ކުރިއަށް ދިޔަ ތަނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ހޮނުއެޅުމުން ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ ވަރަށް ބޮޑަށް ބިރުގަތެވެ.

އެއީ ކައިވެނި ކުރަން އުޅުނު އަންހެން މީހާ މާހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ވާން އުޅޭ ފިިރިމީހާ އަކީ މާފަސޭހައިން ކަންކަމާއި ބިރުގަންނަ މީހެއް ކަމަށް ބުނެ އަންހެން މީހާ ވަނީ ކައިވެނި ކުރަން ދެކޮޅު ހަދާފައެވެ.

އަދި އޭނާ ވަނީ ކައިވެނި ޕާޓީ ދޫކޮށް ނިކުމެގެން ގޮސްފައެވެ.

އެއާއި އެކު ދެއާއިލާގެ މެންބަރުންގެ މެދުގައި ދެބަސްވުން އުފެދި އެއްބަޔަކު އަނެއްބައެއްގެ ގަޔަށް އަތްލާ މާރާމާރީ ހިންގަން ފެށިއެވެ.

މާރާމާރީ ހިނގަން މެދުވެރީ ކައިވެނި ކުރަން އަންހެން މީހާ ދެކޮޅު ހެދުމުން ފިރިހެން މީހާގެ އާއިލާ އިން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަން ފެށި ހިސާބުންނެވެ. ފިރިހެން މީހާގެ އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އަންހެން މީހާގެ އާއިލާ މެންބަރުން ވަނީ ފިރިހެން މީހާގެ އާއިލާގެ ބައެއް މީހުންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އަންހެން މީހާގެ އާއިލާގެ ހަތަރު މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަރަށް ކުލަގަދަކޮށް ކައިވެނި ޕާޓީތައް ބާއްވާ އިންޑިއާގެ ކައިވެނި ޕާޓީތަކުގައި މީގެ ކުރިން ވެސް ތަފާތު ހާދިސާތައް ހިނގާފައި ވެއެވެ. މިދިޔަ އޭޕްރިލް މަހު ވެސް ކައިވެނި ޕާޓީއެއްގެ ތެރެއިން ކައިވެނި ކުރި ފިިރިހެން މީހާ އަށް އޮޅިގެން އޭނާގެ ގަަޔަށް ބަޑި ޖެހި ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު