އިންޑިޔާގެ ކަރްނާޓާގެ އަވަށެއް ކަމުގައިވާ ކޮޓިގެހަރާ އަވަށުގެ ރައްޔިތުންނަށް މަކުނެއްގެ އުދަނގޫ ބޮޑުވެ، އެކަމުން ސަލާމަތްވުމަށް ކުރި މަސައްކަތުން އެ އަވަށު މީހުންނަށް މަކުނުގެ އުދަނގޫ އިތުރުވެއްޖެއެވެ.

މި އަވަށުގެ ގޭގެއިން ތަރުކާރީ ވަގަށް ނަގަން މަކުނު ފެށުމުން، އެންމެ ފުރަތަމަ މީހުން އެކަމާ އަޅައެއް ނުލައެވެ. ނަމަވެސް ސުކޫލުތައް ހުޅުވި، ކުދިން ސުކޫލަށް ނިކުންނަން ފެށުމުން މި މަކުނުގެ އަމާޒު ހުރީ މޮރަރުޖީ ދެސާއި ސުކޫލަށެވެ.

އެ ސުކޫލު ކައިރީގައި މަކުނު އުޅެން ފެށުމުން ކުދިން ބިރުގަންނަން ފެށިއެވެ. އެހެންކަމުން ސުކޫލުން އިސްނަގައިގެން އެ މަކުނު އެތަނުން ފޮނުވާލުމުގެ މަސައްކަތް ފެށިއެވެ.

މި މަސައްކަތުގެ ތެރޭގައި އުޅުނު ރިކްޝާ ދުއްވާ މީހަކަށް މަކުނު ހަމަލާދިނެވެ. އަދި އޭނާގެ ރިކްޝާ ވެސް ނުދުއްވޭ ވަރަށް ގެއްލުން ދިނެވެ. މަކުނު އެމީހާއަށް ފާރަލާތީ ގެއަށް ނުދެވިފައި ވެސް އެތައް އިރެއް ވަންދެން ހުންނަން ޖެހުނެވެ.

މި މަކުނުގެ އުނދަގޫ ޖެހުމާއި ގުޅިގެން ފޮރެސްޓް ޑިޕާޓްމަންޓުގެ މީހުންނާއި އެކު 30 މީހުން ވެގެން ތިން ގަޑިއިރުން ކުރި މަސައްކަތުން މަކުނު ހިފުނެވެ. އަދި އަވަށާއި 22 ކިލޯ މީޓަރު ދުރުގައި އޮތް ޖަންގައްޔަކަށް ދޫކޮށްލިއެވެ.

ނަމަވެސް އޭގެ ހަފުތާއެއް ފަހުން އެ މަކުނު އަނެއްކާ ވެސް އެ އަވަށަށް އައެވެ. އެއީ ސީދާ އެ މަކުނުކަން އަވަށުގެ ރައްޔިތުންނަށް ފާހަގަ ކުރެވުނީ އޭގެ ކަންފަތް ކައިރީގައި ހުރި ކަޅު ލައްގަނޑެއްގެ ސަބަބުންނެވެ.

ބިރުގަނެފައިވާ އަވަށުގެ ރައްޔިތުން ފޮރެސްޓް ޑިޕާޓްމަންޓަށް ގުޅައި އަނެއްކާ ވެސް އެ މަކުނު ހިފައި ހައްޔަރު ކުރިއެވެ.

މިއަދު ވެސް އެ އަވަށުގެ މީހުން ތިބެނީ މި މަކުނުގެ ސަބަބުން ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި ވެސް އެނބުރި އައިސްދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  ކުޑަކުދިންގެ ވާހަކަ ފޮތަށް ލާން ރަނގަޅު ވާހަކައެއްް. ކުޑަކުޑަ ބަދަލުތަކަކާއި އެކު.

  18
 2. މޫސަ

  ޖެހިޖެހުން ބީތާކޮށްލިނަމަ ދެން ނުކެރޭނެ އަންނާކަށް. ވަރަށް ފިނޑި ބަޔަކު އުޅޭ އަވަށެއްތީ..

  8
  1