ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ސިނގިރޭޓް ބޯ މީހުން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރާ މިންވަރު އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮކްފޯޑުގެ ޔުނިވާސިޓީން ހެދި މި ދިރާސާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ކޮވިޑާއި ގުޅިގެން ގިނަ ބަޔަކު ވާހަކަ ތަކެއް ދައްކަމުން އަންނާތީ ހަދާފައިވާ ދިރާސާއެކެވެ.

އެދިރާސާގައި ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ސިނގިރޭޓް ބޯ މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭ މިންވަރު 80 އިންސައްތަ އަށް އިތުރު ކަމަށެވެ.

ކޮވިޑް ފުރަތަމަ ފެތުރެން ފެށި ދުވަސްކޮޅު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެނދުމަތި ކޮށްގެން ފަރުވާ ދޭ މިންވަރު އެހާ މައްޗެއް ނޫނެނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެފަދަ ފަރާތްތައް ގިނަ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

މި ދިރާސާ ހަދާފައިވަނީ ކޮވިޑް ބަލީގެ 420،000 މީހުންނަށް ބަލާފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ހާލު ދެރަވެފައިވާ މީހުން ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން 14،000 މީހުންގެ ތެރެއިން އެނދުމަތި ކޮށްފައިވާ 51 މީހަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މި ދިރާސާއަށް ފަހު ސައިންސްވެރިން ބުނެފައިވަނީ ކޮވިޑަކީ އެއީ ފުއްޕާމޭ ހަލާކު ކޮށްލާ ބައްޔެއް ކަމުން މިވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކަމަށެވެ.

އިނގިރޭސިވިލާތަށް ބަލާއިރު، އެގައުމުގެ އާބާދީގެ 6.9 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ ކޮވިޑާއި ގުޅިގެން އެކަން ހުއްޓާލާނެ ކަމަށް ބުނެފައެވެ.