އެމެރިކާ އަށް އަލިފާން "ބޯޅަތަކެއް" ފައިބާ މަންޒަރު ގިނަ ބަޔަކަށް ފެނިގެން އެކަން ރިޕޯޓް ކޮށްފިއެވެ. އެމެރިކާ އަށް އަލިފާން ބޯޅަތަކެއް ފައިބާފައި ވަނީ މިދިޔަ ހަފްތާގައެވެ.

އެމެރިކާގެ މެޓިއޯ ސޮސައިޓީން ވަނީ ނޯތު ކެރޮލައިނާ އަށް ހުކުރު ދުވަހުގެ ރޭ އަލިފާން ބޯޅައެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ.

ނާސާ އިން ބުނީ ނޯތު ކެރޮލައިނާ އަށް އަލިފާން ބޯޅައެއް ވެއްޓިފައި ވަނީ ހުކުރު ދުވަހުގެ ރޭ އިރުއޮއްސި 19:40 ކަންހާއިރު ކަމަށެވެ. "ވީޑިއޯ އިން ފެންނަ އަލިފާން ބޯޅަ ވެއްޓިފައި ވަނީ 19:40 ކަންހާއިރު. އެރޭ އެމެރިކާގެ ފަސް ސަރަހައްދަކަށް އަލިފާން ބޯޅަތައް ވެއްޓުނު ކަމަށް ރިޕޯޓް ލިބިފައިވޭ." ނާސާ އިން ބުންޏެވެ.

ނާސާ އިން ބުނީ އެމެރިކާ އަށް އަލިފާން ބޯޅަތަކެއްގެ ގޮތުގައި ވެއްޓިފައި ވަނީ ގިނިހިލަތަކެއް ކަމަށެވެ. އެގިނިހިލަތަކުގެ އަލި ވީނަސްއަށް ވުރެ ވެސް ގަދަ ކަމަށް ނާސާ އިން ބުނެއެވެ.

ހުކުރު ދުވަހުގެ ރޭ އެމެރިކާ އަށް ވެއްޓުނީ ފަސް ގިނިހިލަ ކަމަށް ނާސާ އިން ބުނި ނަމަވެސް ގިނިހިލަތަކުގެ މައުލޫމާތު އެއްކުރާ އެމެރިކާގެ ޖަމިއްޔާ އަކުން ބުނީ ހުކުރު ދުވަހުގެ ރޭ އެމެރިކާގެ އެކި ސަރަހައްދުތަކަށް 148 ގިނިހިލަ ވެއްޓިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަން ރިޕޯޓް ކޮށްފައި ވަނީ 80 މީހަކު ކަމަށާއި، ގިނަ ރިޕޯޓްތައް ލިބިފައި ވަނީ މަންޒަރުދުއް މީހުންގެ ފަރާތުން ކަމަށް ވެސް ޖަމިއްޔާ އިން ބުނެއެވެ.

އެމެރިކާ ގިނި ހިލަ ވެރުމުގައި ވަކި ހާއްސަ ސަބަބެއް އޮތްކަން ފާހަގަ ކުރެވިފައި ނެތް ކަމަށް ވެސް ނާސާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޫމް..

    ތިޔަވެދާނެ ކޮމެޓް އެއް ކަމައްވެސް. ތިޔަ ވިޑިއޯ ނަގާފަ ތިޔައިނީވެސް ޑޯރބެލް ކެމެރާ އަކުން ނެއްނު! ހާދަ ވަރެކޭ މިމީހުން މިކުރަނި އެއްޗެއް ފެންނައިރައް. މިދުނިޔެއަކީ ވަރައް އާދަޔަޙިލާފް ތަނެއް، ވަރައް އާދަޔާޙިލާފް ކަންތައްތައްވެސް ވަރައް ގިނައިން ހިނގާނެ އަބަދު ލޮލައް ނުފެނުނަސް، މާކައްގިނަ މަޢުލޫމާތު ލިބިފަނެތަސް. އޭގެން ގިނަ ކަންތައްތައް ތަކަކީ ފަހަރުގަ ގެއްލުމެއްނުވެ ނަމަވެސް ބަލަން ވަރައް ހިިތްގައިމު ނުވަތަ ބަލަން ތިބޭ މީހުން/ފެންނަ މީހުން އަންތަރީސް ކުރުވާ ހައިރާން ކުރުވާ ކަމަކައް ވެދާނެ...

    3
    1