ވިކްޓޯރިޔާ ބެކަމްއަށް އެންމެ މީރު ކެއުމަކީ ކޮބައިކަން ހާމަކުރުމުން އޭނާގެ ފޭނުން ހައިރާންވެއްޖެ އެވެ.

47 އަހަރުގެ ފެޝަން ޑިޒައިނަރ ވިކްޓޯރިޔާ ބުނީ އޭނާ އަށް ޕާނުގެ މައްޗަށް ލޮނު އަޅައިގެން ވަރަށް މީރު ކަމަށެވެ. ރެސްޓޯރެންޓް ތަކުން ކެއުމަށް އެހާ ޝައުގުވެރިކަމެއް ނުހުންނަކަން ހާމަކޮށް ވިކްޓޯރިޔާ ދެއްކި ވާހަކައަށް ގިނަ ބަޔަކު ވަނީ މަލާމާތްވެސް ކޮށްފަ އެވެ.

ރިވާ ކެފޭސް ޓޭބަލް 4 ގައި ރުތް ރޮޖާސް އާއި އެކު ކުރިޔަށް ދިޔަ އިންޓަވިއުއެއްގައި ވިކްޓޯރިޔާ ބުނީ ކެއުމާ ބެހޭ ވާހަކަތައް ދެއްކުމަކީ ވަރަށް ފޫހިވާ ކަމެއް ކަމަށެވެ. ޕާން ކޮޅެއްގެ މައްޗަށް ލޮނު އަޅައިގެން ކެއުމަށް ޝައުގުވެރިވާ ވިކްޓޯރިޔާ ބުނީ އޭނާ ލޮނަށް ވަރަށް ލޯބިކުރާ ކަމަށެވެ.

ފެނުކެއްކި ތަރުކާރީ އާއި ވިނެގާ އަކީ ވިކްޓޯރިޔާ އަށް ވަރަށް ކަމުދާ އެއްޗެއް ކަމަށް އޭނާ ބުނެއެވެ. ތެލާއި ބަޓަރު އަދި ސޯސްތައް އެހާބޮޑަށް ކާހިތްނުވާކަމަށް އޭނާ ބުންޏެވެ.

ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ވިކްޓޯރިޔާ ވަރަށް ކަސްރަތުކުރާކަމަށް އޭނާގެ ފޭނުން ބުނާއިރު އޭނާ ބުނީ ކަސްރަތުކުރުމަކީ ދަތް އުނގުޅުން ކަހަލަ ކަމެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ކަސްރަތުކުރަން ޖެހޭކަމަށް އޭނާ ބުނެފައި ވެއެވެ.

ގޭގައި ހުރެގެން ޓްރޭޑް މިލް އަށް އަރައި ހިނގުމާއި ދުވުމަށް ވިކްޓޯރިޔާ ޝައުގުވެރިކަން ހުންނައިރު އޭނާގެ އުމުރާއި ބަލައި އޭނާ އަކީ ދުޅަހެޔޮ ރީތި ހަށިގަނޑެއް ހުންނަ މީހެއް ކަމަށް ފޭނުން ބުނެއެވެ.

1999 ވަނަ އަހަރު ޑޭވިޑް ބެކަމް އާއި ކައިވެނި ކޮށްފައިވާ ވިކްޓޯރިއާގެ އިތުރު ބެކަމް އަކީ ވެސް އުމުރަށްވުރެ ޒުވާންކޮށް ފެންނަ މީހެއް ކަމަށް މީހުން ބުނެއެވެ.