"ވީޓީވީ ހަމީދު" އޭ ބުނުމުން ނޭނގޭ މީހަކު މަދުވާނެއެވެ. ނޫސްވެރިކަމާއި ހުށަހެޅުންތެރިކަމުގައި އެއީ ދެ ވަނައެއް ނެތް މިސާލެކެވެ. އަޑުގެ ރީތިކަމާއި، ޕްރެޒެންޓް ކުރުމުގެ ކުޅަދާނަ ކަން ދައްކުވައިދެނީ އަމިއްލަ ޚާއްސަ އުކުޅުތަކެއްގައެވެ. އެ ގޮތުގައި ދެގޮތެއް ނުވެ ރިޕޯޓުތައް ހުށަހެޅުމާއި، ރައްޔިތުންނަށް ހަބަރުތައް ފޯރުކޮށްދިނުމުގައި ފަސް އެނބުރި ބެލުމެއް ނެތި އަދިވެސް އޭނާ ދަނީ ކުރިއަށެވެ.

އުމުރުން 30 އަހަރުގެ ހއ. ތަކަންދޫއަށް އުފަން އަހުމަދު ހަމީދު އާދަމް (ވަޖޭ) އަކީ ހަމައެކަނި ކުޅަދާނަ ޕްރެޒެންޓަރެއް އަދި ނޫސްވެރިއެއް ނޫންކަން އޭނާގެ ޓިކްޓޮކް އެކައުންޓް ބަލާލުމުން އެނގެއެވެ. ހަމީދުގެ ރީތި އަޑުގެ ޖާދޫ ހިނގަނީ ހަމައެކަނި ޚަބަރު ކިޔުމާއި ރިޕޯޓް ހުށަހެޅުމުގައެއް ނޫނެވެ. ލަވަ ކިއުމާއި މަދަހަ ކިއުމާއި މަޖާޒީ ސަކަަރާތާއި އެކްޓް ކޮށްލަން ވެސް ހަމީދަށް އެނގޭ ކަން އޭނާގެ ޓިކްޓޮކް އެކައުންޓަށް ވަނުމުން އެނގެއެވެ.

ޓިކްޓޮކްގައި ހަމީދުގެ ނަން ވިދާލާފައި!

މުނިފޫހިފިލުވުމުގެ ގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް އޮންނަ "ޓިކްޓޮކް" ޕްލެޓްފޯމުގައިި ހަމީދުގެ ނަން ވެސް ވިދާލައެވެ. ހަމީދަށް ޓިކްޓޮކް އެންމެ ފުރަތަަމަ އެނގުނީ ބަލިވެގެން ލަންކާއަށް ގޮސް ހޮސްޕިޓަލުގައި އޮތްއިރު، ލަންކާގެ ރަހުމަތްތެރިއަކާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށެވެ. އޭގެ ފަހުން ހޮސްޕިޓަލުގައި އެކަނި އޮންނަ ވަގުތުތަކުގައި އެންމެ ގާތް އެކުވެރިއަކަށް ޓިކްޓޮކް ވެގެންދިޔައެވެ.

@ahmedwajey

Break time

♬ original sound - Romies

"މިހާރުވެސް ޓިކްޓޮކް ވަރަށް ބަލަން. މަސައްކަތުގައި އުޅެފައިވެސް ސިކުނޑިއަށް ބަރުވީމަ ހަމަޖައްސާލަންވެސް ޓިކްޓޮކް ބަލާލަން. ޓިކްޓޮކް އަދި ހަދަން ފެށީ މާ ފަހުން. ގިނަ ޓިކްޓޮކް ވީޑިއޯތައް ވެސް ހުންނާނީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅުވާފައި" ނެރޭޓް ކުރުމާއި، ރިޕޯޓުތައް ތައްޔާރުކުރުމުގެ ތެރެއިން އަދި ހަބަރުކިޔުމުގެ ތެރެއިން ނަގާފައިވާ ޓިކްޓޮކްތައް ފާހަގަކޮށް ހަމީދް ބުންޏެވެ.

ޓިކްޓޮކްއިން ހަމީދު ލަވަކިޔުމާ ދިމާއަށް؟

ހަމީދުގެ ޓިކްޓޮކް ފީޑަށް ބަލާއިރު، ލަވަ ކިޔުމުގެ ހުނަރު ދައްކާލައިފައިވާ ވީޑިއޯތައް ފާހަގަނުވެ ނުދާނެކަން ކަށަވަރެވެ. ޓިކްޓޮކްއަށް ހަމީދު ދޫކޮށްލާފައިވާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯތަކުގެ ތެރޭގައި ވެެސް ކަރޯކޭ ވީޑިއޯތައް ފާހަގަ ކޮށްލެވެއެވެ. ހަމީދު ބުނީ އޭނާ ޓިކްޓޮކް ކުޅެނީ މަޖަލަކަށް ކަމަށާއި، ލަވަކިޔުމަކީ ޝައުގުވެރިކަން ހުންނަ ދާއިރާއެއް ނޫން ކަމަށެވެ. ނަމަވެސް، މަދަހަ ކިޔުމަކީ ކުރާހިތްވާ ކަމެއްކަން ފާހަގަކޮށް، ސްކޫލު ދައުރުގައި މަދަހަ މުބާރާތެއްގައި ބައިވެރިވެ މުޅި މުބާރާތުން ދެވަނަ ހޯދާފައިވާކަމަށް ބުންޏެވެ.

@ahmedwajey

@shielanajeeb l

♬ original sound - Ahmed Wajey

"މިހާރު ސްކޫލް ކުދިންނަށް މަދަހަކިޔަން ދަސްކޮށްދެން. އެއީ ޓީޗަރުންނާއި ބެލެނިވެރިން އެދުނީމަ، އަޅުގަނޑަށް އެނގޭ ވަރަކުން އެއްޗެއް ބުނެދީ އެހީތެރިވެދިނުމުގެ ގޮތުން" ހަމީދު ކިޔައި ދިނެވެ.

މަދަހައިގެ އިތުރުން ވީޓީވީގައި މަސައްކަތް ކުރި ދުވަސްތަކުގައި ސްޓާފް ނައިޓުގައި ލަވަކިޔާ ހަދައެވެ. މީގެ އިތުރުން ރައްޓެހިންނާއެކު ކަރޯކޭ ޖައްސައެވެ. ލަވަކިޔުމުގެ މަސައްކަތުގައި ކޮންމެވެސް ވަރަކަށް އުޅުނު ކަމުގައި ވިޔަސް މިއީ ޕްރޮފެޝަނަލްކޮށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ޕްރޮފެޝަނަލްކޮށް ލަވަކިޔަން ނުވިސްނާކަމަށް ހަމީދު ބުންޏެެވެ.

މަސައްކަތުގެ ތެރެއިން ވެސް ޓިކްޓޮކްގެ ދުނިޔެއަށް ގެއްލިފައި

އޮންލައިން ނޫސް "އަވަސް"ގެ ސެކްޝަން އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަމީދަކީ ބުރަކޮށް މަަސައްކަތް ކުރަމުން އަންނަ މީހެކެވެ. ރިޕޯޓުތައް ހެދުމާއި، ހަބަރު ލިއުމާއި، އެހެން މުވައްޒަފުންގެ ހަބަރުތައް ކިޔުމާއި، ބައެއް ޕްރޮގްރާމްތައް އުފައްދައި ހުށަހެޅުމުގެ މަސައްކަތް ކުރުމަކީ ބުރަ މަަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން ވެސް ޓިކްޓޮކް ބެލުމަށާއި، ޓިކްޓޮކް ވީޑިއޯތައް ހަދައެވެ.

@ahmedwajey

♬ original sound - Ahmed Wajey

"އާންމު މީހަކަށް ވުރެ ގިނައިން ޓިކްޓޮކް ބަލައޭވެސް ބުނެވިދާނެ. ފިލްމެއް ބެލިޔަސް އަޅުގަނޑު އިންނަނީ ޓިކްޓޮކް އަޅުވައިގެން. މަސައްކަތް ކުރަމުން ވެސް ވަރަށް ޓިކްޓޮކް ބެލޭ،" ހަމީދު ބުންޏެވެ.

އަހުމަދު ހަމީދު އާދަމް (ވަޖޭ)

ޓިކްޓޮކް އަކީ މައުލޫމާތު ހޯދައި، އިބުރަތް ލިބިގަންނަން ރަނގަޅު ޕްލެޓްފޯމެއްކަމަށް ހަމީދު ގަބޫލްކުރެއެވެ. އާންމުކޮށް ބަލަނީ ދިވެހިންގެ ވީޑިއޯތަކަށްވުރެ، ބޭރު މީހުން އަޕްލޯޑް ކޮށްފައިހުންނަ ކްރީއޭޓިވް، ދުނިޔަވީ އަދި ދީނީ މައުލޫމާތު ލިބޭފަދަ ޓިކްޓޮކްތައް ކަމަށް ހަމީދު ބުންޏެވެ.

"ޓިކްޓޮކް ކުޅޭކަށް ވަކި ވަގުތެއް ނުޙޯދަން. އަޅުގަނޑު އާންމުކޮށް ޓިކްޓޮކް ވީޑިއޯތައް ހަދަނީ އޮފީހަށް އަންނަ ގަޑީގައި ލިފްޓުން އަރާއިރު، އެއްޗެއް ކިޔާއިރު" ހަމީދު ބުންޏެވެ.

ހަމީދު ބުނީ ދިވެހިންގެ ތެރޭގައި ބައެއް ކުދިން އާދައިގެ ގޮތަކަށް ބޭނުންކުރި ކަމުގައި ވިޔަސް، އެއީ މައުލޫމާތު ހޯދައި ބޭނުންކުރުމަށް ރަނގަަޅު ޕްލެޓްފޯމެއް ކަމަށެވެ. ކޮންމެ މީސް މީޑިއާ އެޕްލިކޭޝަނެއް ވެސް ހެޔޮ ގޮތުގައި ބޭނުން ކުރެވިދާނެ ކަން ހަމީދު ޓިކްޓޮކް އެކައުންޓުން ބަލައިލުމުން ހަމަ އެނގެއެވެ. ހާސްކަން މަސައްކަތް ގިނަ މި ދުނިޔޭގައި ހިތްހަމަޖައްސައިލަން ހަމީދު ވެސް ޓިކްޓޮކްގައި އޭނާގެ ކުޅަދާނަ ކަން އެ ދައްކަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލް އަޚު މުޙައްމަދު

    ޙަމީދަކީ ވަރަށް ހީވާގި މުރާލި އިޚުލާސްތެރި ކުއްޖެއް!

    13
    1
  2. Anonymous

    ޙަމީދުގެ އެންމެ ސަޅި ކަމަކީ ޚަބަރު ކިޔާލެއް ރީތިކަން.
    މާޝާﷲ. ޙަމީދުގެ އަޑަކީ ޖާދޫއެއް

    10
  3. Anonymous

    " ޖާދޫގައި ޖެހޭނޭ
    ފެނިފައި ތިބާ....."

    7
    1