ފްރާންސްގެ ފުލުހެއްގެ ކުއްލި މަރާއި އެކު ކުރިން ހަގީގަތް ހާމަނުވެ އޮތް އެތައް ބައެއްގެ މަރުގެ ހަގީގަތް ހާމަވެއްޖެއެވެ.

ފްރާންސްގެ ފުލުހުން ބުނީ، އެއީ މިހާތަނަށް އެންމެ ދިގު މުއްދަތެއް ހޭދަވެގެން ދިޔަ ހަގީގަތް ނުހޯދިފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ފުލުހުން ބުނީ، އޭނާގެ މައްޗަށް 35 އަހަރުވަންދެން ތުހުމަތު ކުރެވުނު ކަމަށާއި އެހެން ނަމަވެސް ހެކި ނެތުމުން ހައްޔަރު ނުކުރެވޭ ކަމަށެވެ. އަދި ގަވައިދުން ވަޒީފާއަށް ވެސް ނުކުންނަ ކަމަށެވެ.

ފްރެންކޮއިސް ވެރޯވް ނަމަކަށް ކިޔާ އުމުރުން 59 އަހަރުގެ އެ ފުލުސް މީހާ މަރުވެފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކުއްޔަށް ހިފައިގެން އުޅޭ ގޭގައި އަމިއްލައަށެވެ. އޭނާ މަރުވިއިރު، ލިޔުމެއް ވެސް ބާއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭގައި ލިޔެފައިވާ އެއްޗެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އޭނާ އަމިއްލައަށް މަރުވެފައިވާއިރު، 1980 ވަނަ އަހަރުން ފެށިގެން ފުލުހުން ވަނީ އޭނާގެ މައްޗަށް ކުޑަކުދިން ރޭޕް ކުރުމާއި މީހުން މެރުމާއި، ފޭރުމުގެ އިތުރުން ކުޑަކުދިން ރަހީނު ކުރުމުގެ ތުހުމަތު ކޮށްފައެވެ. މީގެ އިތުރުން ގިނަ ބަޔަކު އަމިއްލައަށް މަރުވުމަށް އޭނާ ދަސްކޮށްދީ އެކަންކަން ކުރުވާފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އޭނާ މަރުވި ފަހުން ހެދި ޑީއެންއޭ ޓެސްޓުން ހުރިހާ ވޭދަނައެއްގައި އޭނާގެ އަތެއްވާ ކަން ފުލުހުންނަށް ވަނީ ކަށަވަރު ވެފައެވެ.