އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޒަމާންވީ އަބުއި ދިރިއުޅުން ބަދަލުކޮށްލަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކަށް ޔަގީނުން ވެސް ޕްރިންސެސް ޑަޔާނާ ވާނެއެވެ. ޑަޔާނާއަށް އެތައް ބައެއްގެ ހިތުގައި އަދިވެސް ހާއްސަ މަގާމެއް ލިބިފައިވާ އެއް ސަބަބަކީ އެއީ އެވެ. 1997 ވަނަ އަހަރު ޑަޔާނާ އަވަހާރަވީ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. ޑަޔާނާގެ ކުއްލި ވަކިވުމާއި އެކު ފުން ހިތާމައެއް ލިބުނީ އެކަމާގެ ދެދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ހެރީއަށެވެ.

ޑަޔާނާ ދަރިންނާއި ވަކިވެގެން ދިޔަ ނަމަވެސް އެކަމަނާ ވަނީ ދަރިންގެ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ކޮންމެ ދަރިއެއްގެ ވެސް އުމުރުން 25 އަހަރު ވުމުން ފައިސާ ނެގޭ ގޮތައް ޓްރަސްޓް ފަންޑެއް ހުޅުވުމެވެ. އެފަންޑްގައި 20 މިލިއަން ޑޮލަރު ޑަޔާނާ އިންވެސްޓް ކުރެއްވިއެވެ. އެއީ ކޮންމެ ދަރިއަކަށް ދިހަ މިލިއަން ޑޮލަރެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށްލުމަށް ފަހު ޕްރިންސް ހެރީ އަނބިކަނބަލުން މޭގަން އާއި އެކު އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް، އެމެރިކާގައި ދިރުއުޅުން ފެށުމަށްޓަކައި ކުރަން ޖެހުނު ހަރަދުތައް ކުރީ ޑަޔާނާ، ހެރީއަށްޓަކައި ރައްކާ ކޮށްދެއްވާފައި ހުރި ފައިސާއިން ކަމަށް ހެރީ ދާދިފަހުން މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ހެރީ އާއި ވިލިއަމް އަށް ޑަޔާނާ ގާއިމުކޮށްދެއްވި ޓްރަސްޓް ފަންޑްގެ އިތުރުން ރިއަލްއެސްޓޭޓްގައި ވެސް ޑަޔާނާ އިންވެސްޓް ކުރައްވާފައިވެއެވެ. އެއީ ހެރީ އާއި ވިލިއަމްގެ ބައްޕަ އަދި ޑަޔާނާގެ ކުރީގެ ފިރިމީހާ ޕްރިންސް ޗާލްސް އާއިއެކު ކޮށްފައިވާ އިންވެސްޓްމެންޓެކެވެ. އެއިންވެސްޓްމެންޓް ކޮށްފައި ވަނީ ޗާލްސްއަށް ވެސް އިންވެސްޓްމެންޓް ވިއްކާ ނުލެވޭ ގޮތަށެވެ. އެއިން ލިބޭ ފައިސާ މިހާރު ވެސް ހެރީ އާއި ވިލިއަމް އަށް ލިބެއެވެ. އެއިންވެސްޓްމަންޓުން ވިލިއަމް އާއި ހެރީއަށް އަހަރަކު ދެމިލިއަން ޑޮލަރު ލިބޭ ކަމަށް ވެއެވެ.