ބޮލީވުޑްގެ ކުޅަދާނަ ބަތަލް ސައިފް އަލީ ޚާންގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ޚާން ރާއްޖެ އައިސް ކުކުޅު ކެއި ގޮތް ސައިފްގެ އަންހެނުން އަދި ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ކިޔައި ދީފިއެވެ.

އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ސޯހާ ޢަލީ ޚާންގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ކަރީނާގެ އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާކޮށް ތަފާތު ގޮތަކަށް ތަހުނިޔާ ފޮނުވާފައިވެއެވެ.

ސޯހާ ޢަލީ ޚާނާއި ކުނާލް ކެއުމުގެ ކައިވެނީގެ ތެރެއިން ސޯހާއާއި ކުނާލްގެ އިތުރުން ސައިފުއާއި ކަރީނާގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ކަރީނާ ބުނެފައިވަނީ ސޯހާއާ އެކު ރާއްޖެއަށް ކަރީނާ އައި އެންމެ ފުރަތަމަ ދަތުރުގައި ކުކުޅު ފެންތައްޓަކަށް ލައި އޭގެ މިރުސްގަނޑު ދޮވެލުމަށް ފަހު ސޯހާ އެ ކުކުޅު ވަރަށް ފަސޭހަކަމާއެކު ކައިފައިވާ ކަމަށެވެ.

ސޯހާއަކީ ވަރަށް ''ކޫލް'' އަންހެނެއް ކަމަށާއި އެއިރުއްސުރެ ފެށިގެން ސޯހާ ރަނގަޅަށް އެނގޭ ކަމީ ކަރީނާއަށް އުފަލެއް ކަމަށް ވެސް މި ޕޯސްޓުގައި ކަރީނާ ބުނެފައިވެއެވެ. އަދި ވަރަށް ލޯތްބާއި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައިވެއެވެ.

ސޯހާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ސޯހާގެ ފިރިމީހާ ކުނާލު ކެއްމު ވެސް ވަނީ ދެމީހުންގެ ފޮޓޯތަކެއް އިންސްޓަގުރާމުގައި ހިއްސާކޮށް ކުނާލްގެ ''ސަންޝައިން'' އަށް އުފާވެރި އުފަންދުވަހަކަށް އެދިފައެވެ.

މީގެއިތުރުން އަމްރިތާ އަރޯރާއާއި ސަބާ ޢަލީ ޚާން ވެސް ވަނީ އިންސްޓަގުރާމުގައި އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.

މިދިޔަ ހަފުތާގައި ސޯހާ ވަނީ އޭނާގެ އަންހެން ދަރިފުޅު އިނާޔާ ނައުމީ ކެއްމުއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ޕްރިންސަސް ތީމުގެ ޕާޓީއެއް ބާއްވާފައެވެ.