ފޭސްބުކް އާއި އެކުންފުނީގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެއެވެ. މީގެ އިތުރުން ފޭސްބުކްގައި މެސެޖް ކުރުމަށް ބޭނުންކުރާ މެސެންޖާ އެޕްލިކޭޝަން ވެސް ވަނީ ޑައުންވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގުގައި ފޭސްބުކް އާއި އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ބޭނުންކުރާ އެތައް މިލިއަން މީހުންނަށް ވަނީ އެއެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ.

ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ މީހުންނަށް ވެސް ފޭސްބުކް އާއި އެކުންފުންޏާއި ގުޅިފައިވާ އެޕްލިކޭޝަންތައް ޑައުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕްލިކޭޝަންތައް ޑައުންވިތާ އިރުގަނޑެއް ފަހުން ފޭސްބުކް އިން ބުނީ މައްސަލަ ހައްލު ކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވެގެން އުޅެނީ ކޮން މައްސަލައެއް ކަމެއް ފޭސްބުކް އިން ބުނެފައެއް ނުވެއެވެ. މިއީ ފާއިތުވި ދެއަހަރެއްހައި ދުވަހުގެ ތެރޭގައި ފޭސްބުކް އާއި އެކުންފުނީގެ އެޕްލިކޭޝަންތައް މިހައި ގިނަ އިރަށް ޑައުންވި ފުރަތަމަ ފަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކް ޑައުންވި ނަމަވެސް ކުރިން ފޭސްބުކްގެ ބްރައުޒާ ބޭނުން ކޮށްގެން ކުޅޭ ގޭމްތައް ކުޅުމުގައި މައްސަލައެއް ދިމައެއް ނުވެއެވެ. މައްސަލަތައް ދިމާވެފައި ވަނީ ގޭމް ކުޅުން ފިޔަވައި އެހެން ކަންކަމުގައެވެ.

މިރޭ ފޭސްބުކް ޑައުންވެފައި މިވަނީ ފޭސްބުކްގައި މަސައްކަތް ކުރި މުވައްޒަފަކު މީޑިއާގައި އެކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. ތުހުމަތުތައް ކުރި މުވައްޒަފު ބުނެފައިވާ ގޮތުގައި ނަފްރަތު އުފެދޭ ވާހަކަތައް ފޭސްބުކްގައި ފަތުރަން ފޭސްބުކް އިން އޮންނަނީ ފުރުސަތު ދީފައެވެ. އެއީ ވެބްސައިޓްގެ މަޝްހޫރުކަން އިތުރުކުރަން ކުރާކަމެއް ކަމަށް ވެސް އެމުވައްޒަފު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދާދު

    މަގޭ އެޑްސް ތަކަށް ވީ ކހިނެއް ތޯ؟؟

  2. ރާއްޖެތެރެ

    އިންޑިޔާއިން އަތްބާނަނީ ރައްޖޭގެ އިންޓަނެޓްތެރެޔައް.

    3
    1
  3. ޙަސަން

    މީގެ ސަބަބުން ބައެއް ދިވެހިން ގަރުނެއް ފަހުން ފޯނުން އިސްއުފުލާ ބަލައިލާފި.