ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ އޭނާގެ ކުރީގެ އަނބިމީހާ ޕްރިންސެސް ހަޔާ ބިންތު އަލް ހުސައިންގެ ފޯނު ހެކްކޮށް، އެފޯނުން ކުރާ ކަންކަން ސިއްރުން ބަލާފައި ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން މިގޮތައް ނިންމީ ޝައިހް މުހައްމަދާއި ޕްރިންސެސް ހަޔާގެ ދެދަރިކަލުންގެ ބެލެނިވެރިކަން ހޯދަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައެވެ.

މައްސަސލަ ބެއްލެވި އިނގިރޭސިވިލާތުގެ ފެމެލީ ކޯޓުގެ ފަނޑިޔާރު އެންޑްރޫ މެކްފެލާނީ ވިދާޅުވީ އިސްރާއީލްގެ ކުންފުންޏަކުން އުފައްދާފައިވާ ފޯނުތައް ހެކް ކުރެވޭ ސްޕައިވެއާއެއް ބޭނުން ކޮށްގެން ޝައިހް މުހައްމަދު ޕްރިންސެސް ހަޔާގެ ފޯނު ހެކް ކުރި ކަމަށެވެ.

އިސްރާއީލްގެ ކުންފުނިން އުފައްދާފައިވާ ޖާސޫސް ކުރާ އެޕްލިކޭޝަން ބޭނުން ކޮށްގެން ފޯނުގެ ލޮކޭޝަން ބެލުމުގެ އިތުރުން ފޯނުން ކުރާ ކޯލްތަކާއި ފޯނުގެ ކޮންޓެކްޓްތަކާއި ޕާސްވޯޑްތަކާއި ކަލަންޑަރުގެ އިތުރުން ފޯނުންނަގާ ފޮޓޯތަކާއި އަދި ފޯނަށް އެކި އެޕްލިކޭޝަންތަކުންނާއި އެސްއެމްއެސް އިން އަންނަ މެސެޖްތައް ވެސް ބެލެއެވެ.

މައްސަލަ ބައްލަވާ ފަނިޔޑަރު މެކްފެލާނީ ވިދާޅުވީ ޝަރީއަތައް ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު ޝައިހް މުހައްމަދު ވަނީ އޭނާ އަށް އަނބިކަނބަލުން ކުރި އިތުބާރުގެ ނާޖާއިޒު ފައިދާ ނަންގަވާފައެވެ. އަދި އޭނާ އަށް ލިބިވަޑައިގެންފައިވާ ބާރާއި ނުފޫޒު ވެސް ގާނޫނާއި ހިލާފަށް ބޭނުން ކުރައްވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ޝައިހް މުހައްމަދާއި ޕްރިންސަސްގެ ހަޔާގެ ދެދަރިންގެ ހަޟޯނާތުގެ މައްސަލަ އަދި ކޯޓުން ނިންމާފައެއް ނުވެއެވެ. އެމައްސަލަ ނިންމާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.

ޝައިހް މުހައްމަދު ކުރީގެ އަނބިކަނބަލުންގެ ފޯނު ހެކް ކުރިކަމަށް ފަނޑިޔާރު ވިދާޅުވުމުން ޝައިހް މުހައްމަދު ނެރުއްވި ބަޔާނެއްގައި ވަނީ އެކަން ދޮގު ކުރައްވާފައެވެ. ނަމަވެސް އެހެން ގައުމެއްގެ ކޯޓަކަށް ހެކިތަކެއް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޕްރިންސަސް ހަޔާ އާއި އޭނާގެ ދެބޭފުޅުން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.