ހަށިގަނޑުގެ ގުނަވަނެއް ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެއީ ތިމާ އެހެން މީހުންނާ ތަފާތު ކޮށްދޭ ތިމާއަކީ ތަފާތު މީހެއްކަން ދައްކުވައިދޭ ކަމެކެވެ.

ހަށިގަނޑުގެ ގުނަވަނަކަށް ދުނިޔޭގެ ރިކޯޑު ލިބުމަކީ ވެސް ވެދާނެ ކަމެކެވެ. އެކަން ސާބިތު ކޮށްދީފައިވަނީ ޓާރކީގެ ރައްޔިތެއް ކަމުގައިވާ އުމުރުން 71 އަހަރުގެ މެހްމެތު އޮޒިޔުރެކްއެވެ.

މެހްމަތުއަށް ވުރެ ނޭފަތް ދިގު މީހުން އުޅެދާނެ ކަމަށް ގިނަސް ވޯރލްޑް ރިކޯޑުން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް އެކަން އެހެން މީހުންނަށް އަންގައިދީ އެކަމުން ރިކޯޑު ހެދުމަށް މެހްމަތު ފިޔަވާ އިތުރު މީހަކު ކުރިމަތިލާފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިޓަލީގެ ޓީވީގެ ރިކޯޑު ޝޯއެއްގައި ބައިވެރިވެ މެހްމަތު ވަނީ އޭނާގެ ދިގު ނޭފަތުން މިންނަގާފައެވެ. މެހްމަތުގެ ނޭފަތުގެ ދިގުމިނުގައި 8.8 ސެންޓިމީޓަރު ހުރެއެވެ.

2010 ވަނަ އަހަރު މެހްމަތު ހަދާފައިވާ މި ރިކޯޑު، އޭގެ 11 އަހަރުފަހުން ވެސް އޭނާ ވަނީ ހިފަހައްޓާފައެވެ. ދިގު މުއްދަތަކަށް އެންމެ ނޭފަތް ދިގު މީހާގެ ރިކޯޑު ގާއިމު ކުރުމުގެ ޝަރަފު ވެސް ލިބިފައިވަނީ މެހްމަތުއަށެވެ.

މެހުމަތުގެ ކުރިން ވެސް ނޭފަތް ދިގު މީހަކު އުޅެފައިވާ ކަމަށް ރިޕޯޓް ތަކުގައި ވެއެވެ. 18 ވަނަ ގަރުނުގައި ޔޮކްޝަޔަރގައި އުޅުނު ތޯމަސް ވެޑާސް ނަމަކަށް ކިޔާ މި މީހަކީ ސާކަސްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މި ސާކަސްއިން ތޯމަސްއަށް ކާމިޔާބާއި މަޝްހޫރުކަން ލިބިގެން ދިޔައީ ވެސް އޭނާގެ ދިގު ނޭފަތުގެ ސަބަބުންނެވެ. ތޯމަސްގެ ނޭފަތުގެ ދިގުމިނުގައި 7.5 އިންޗި ހުންނަ ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ.