މިޔާމީގައި ވަޒީފާ އަދާކުރަމުން ދިޔަ އަންހެނެއް އޭނާގެ އަޑު ބާރު ކަމުން ވަޒީފާއިން ވަކިކޮށްފައިވާތީ އެމީހާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 775،000 ޑޮލަރު ދިނުމަށް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިސްޓިއާނޯ ޑިއޮންފިރޯ ނަމަކަށް ކިޔާ މިމީހާއަކީ ބީރު މީހެކެވެ. 24 އަހަރު، ކޮސްޓްކޯ ނަމަކަށް ކިޔާ ކުންފުންޏަށް ޚިދުމަތް ކޮށްދީފައިވާ ޑިއޮންފިރޯ ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނަ އަހަރު ގައެވެ.

ޑިއޮންފިރޯ ބުނެފައިވަނީ އޭނާ ބާރަށް ވާހަކަ ދައްކާތީ އަބަދުވެސް މީހުން ޝަކުވާ ކުރާ ކަމަށާއި ނަމަވެސް އެއީ އޭނާ އެހެން މީހުންނަށް އުދަގޫ ކުރަން ކުރާ ކަމެއް ނޫން ކަމަށެެވެ. ޑިއޮންފިރޯ ބުނެފައިވަނީ އޭނާގެ އެކުންފުނީގައި މަސައްކަތް ކުރި 24 އަހަރުވެސް މަސައްކަތް ކޮށްފައިވާނީ ވަރަށް އިޚްލާސްތެރި ކަމާއެކުގައި ކަމަށާއި ނަމަވެސް 2012 ވަނަ އަހަރު އޭނާ މަސައްކަތް ކުރާ ޑިޕާޓްމެންޓްއާއި ހަވާލުވި މެނޭޖަރ އޭނާއާ ޒަތީ ހަސަދައެއް އޮންނަ ކަމަށެވެ.

އަޑު ނީވޭ މީހެއް ކަމުން ޑިއޮންފިރޯ މީހުންގެ ވާހަކަތައް ދެނެގަންނަނީ ތުންފަތުގެ އިޝާރާތަށް ބަލައިގެންނެވެ. އަދި އަޑުނީވުމުގެ ސަބަބުން މިމީހާ އެހެން މީހުންނަށް ވުރެ ބާރަށް ވާހަކަ ދައްކާކަމަށްވެއެވެ. ޑިއޮންފިރޯ ވަޒީފާއިން ވަކި ކުރި ލިޔުމުގައި ވަޒީފާއިން ވަކި ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާ ބާރަށް ވާހަކަ ދެއްކުމެވެ.

މިމައްސަލަ ބަލާ ނިންމާފައިވަނީ މިއަހަރުއެވެ. އަދި ގާޒީ ނިންމެވީ މިމައްސަލައިގައި ޑިއޮންފިރޯ ލިބިފައިވާ ގެއްލުމުގެ ބަދަލު އޭނާ މަސައްކަތް ކުރި ކުންފުނިން 775،000 ޑޮލަރުގެ ނަގުދު ފައިސާއިން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު