މަސްހޫރު މޮޅު އެތަށް ފިލްމެއް އުފައްދާފައިވާ ސަންޖޭ ލީލާ ބަންސާލީ އަކީ އާންމުކޮށް މީހުންތެރެއަށް ނިކުމެ އުޅޭ މީހެއް ނޫނެވެ. އޭނާ އޭނާގެ ދިރިއުޅުން ބިނާކޮށްފައިވަނީ ވަރަށްވެސް ސިއްރިޔާތުގައެވެ. ބޮލީވުޑްއިން ބާއްވާ ޕާޓީތަކާއި އެންމެން އެއްކޮށްބާއްވާ ހަފްލާތަކަށް އޭނާ ގޮސްނޫޅެއެވެ. އެއީ އޭނާގެ ލަދުވެތިކަމުންނެވެ.

އެހެން ނަމަވެސް މިއަދަކީ ބަންސާލީގެ އުފަންދުވަސް ކަމުން އޭނާގެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ސަޕްރައިޒް ޕާޓީއެއް ދިނުމަށެވެ. އޭނާގެ ޓީމްއިން މިއަހަރު ޕާޓީ ބޭއްވުމަށް ނިންމީ އޭނާގެ ފިލްމް "ޕަދްމާވަތް" އަށް ލިބުނު ބޮޑު ކާމިޔާބީވެސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

"ޕަދްމާވަތް" އަކީ އެކި ގޮތް ގޮތުން ބަންސާލީއަށް ވަރަށް މުޙިއްމު ފިލްމެކެވެ. ފިލްމްގެ ޝޫޓިން ފެށުނީއްސުރެ އެފިލްމާއި ދެކޮޅަށް ކުރި މުޒާހަރާތަކާއި ފިލްމްގެ ސޫޓިން ނަގަމުން ދަނިކޮށް ބަޔަކު އައިސް އޭނާ އަށް ވަޅިން އިންޒާރު ދިނުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން މަރުގެ އިންޒާރު ދިން ނަމަވެސް މި ފިލްމަށް ލިބިގެން ގޮސްފައިވަނީ ހީނުކުރާވެސް ބޮޑު ތަރުހީބެކެވެ.

ދީޕިކާ ޕަޑޫކޭ އާއި ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރުގެ ހައިރާންކުރަނިވި މޮޅު އެކްޓިން ފެނިފައިވާ މި ފިލްމަށާއި އެތަރިންނަށް ބޮލީވުޑްގެ ގިނަ ފަންނާނުންނާއި ބެލުންތެރިން ދަނީ ތައުރީފް ކުރަމުންނެވެ. އަދި އިންޑީޔާއިން ބޭރު ސިނަމާތަކުންވެސް ދަނީ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.