އިންޑިއާގެ ހައިދަރްއާބާދް ހޮސްޕިޓަލެއްގެ ތެރެއިން އެންމެ ހަ ދުވަސްވީ ތުއްތު ކުއްޖަކު ވަގަށް ނެގި މައްސަަލައެއް ފެންމަތިވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު މި ހާދިސާ ހިނގީ، އިންޑިއާގެ ސަރުކާރުގެ މެޓާނިޓީ ހޮސްޕިޓަލެއްގައެވެ. އެ ކުއްޖާ ހޮސްޕިޓަލްގައި އޮއްވާ ވަގަަށް ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މިހާރު ދައުރުވަމުން އަންނައިރު، އެ ކުއްޖާ ވަގަށް ގެންގޮސްފައި ވަނީ އަންހެނެކެވެ.

އަދި އެ އަންހެން މީހާ ބަހަކަށް އެ ކުޑަކުއްޖާއެކު އަރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއްވެސް ވަނީ ފެނިފައެވެ.

އިންޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވެކްސިން ޖެހުމަށެވެ. އެ އަންހެން މީހާ ވިހެއީވެސް އެ ހޮސްޕިޓަލަށެވެ. އެގޮތުން އެތަނަށް ގޮސް އެ މީހާވެސް ހުރީ ކިޔުގައެވެ. އެ ކުއްޖާގެ ބައްޕަ ހުރީ ބައެއް ޑޮކިޔުމެންޓްތަކުގެ ކޮޕީ ނަގާށެވެ.

ކިއުގައި ގިނަ ވަގުތު ހުންނަން ޖެހުނު އެ ކުއްޖާގެ މަންމަ ވަރަށް ބޮޑަށް ވަރުބަލިވެފައި އިނުމުން އެތަނަށް އައި އަންހެނެއް އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމިއެވެ. އެ ކުއްޖާގެ މަންމަ ހީކުރީ އެއީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެ މީހާ ވަނީ އެ ކުއްޖާ އާއި ވެކްސިން ކާޑު ނަގައިގެން ވެކްސިން ދޭން ކަމަށް ގެންގޮސްފައެވެ.

އެހެން ނަމަވެސް އެ އަންހެން މީހާ އެ ކުއްޖާ ވެކްސިން ދޭންކަމަށް ގެންގޮސް އެތައް އިރެއްވީއިރުވެސް ނުގެނައެވެ. އެކަމާއި އެ ކުއްޖާގެ މައިންބަފައިން ވަރަށް ބޮޑަށް ބިރުގަނެ އެންމެ ފަހުން ގުޅީ ޕޮލިހަށެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ތުއްތު ދަރިފުޅު ގެންދިޔައީ އެ ކުއްޖާގެ ފައިލާއެކުކަމުން ސެކިޔުރިޓީންނަށް ވެސް އެއީ ވައްކަމެއްކަން ނޭގުނު ކަމަށެވެ.

އެ ކުއްޖާ ވަގަށް ގެންދިޔަ މައްސަލާގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ ކުއްޖާ ވަގަށް ގެންގޮސްފައި ވަނީ ވަރަށް ސެކިޔުރިޓީ ވަރުގަދަ ހޮސްޕިޓަލަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު