"ކަހާނީ ގަރް ގަރް ކީ" އަކީ ހިންދީ ޓީވީ ޑްރާމާތަކުގެ ރަން ޒަމާނުގެ އުފެއްދުމެކެވެ. އެއީ، ދިވެހީންވެސް، އެ ސިލްސިލާތަކާ ދިމާއަށް ދާން ފެށި ދުވަސްވަރުގެ ވަރުގަދަ އުފެއްދުމެކެވެ. އެއީ ދިވެހި އަންހެނުންވެސް ޝައުގުވެރިކަމާއެކު ބެލި، އެމީހުންގެ ދިރިއުޅުމުގެ މުޙިއްމު ބަޔަކަށް ހެދި ޑްރާމާ އެކެވެ.

މިއޮތީ އެފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. އެތައް ބައެއްގެ މެދުގައި މަޤޫބޫލުކަން ހޯދާފައިވާ، ކަހާނީ ގަރް ގަރް ކީ އެނބުރި އަންނަނީކަމުގެ ސިގްނަލެއް، އެ ސިލްސިލާތައް އުފައްދާފައިވާ އެކްތާ ކަޕޫރުވަނީ ދީފައެވެ.

އިންޑިޔާގެ ބޮޑެތި ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެފަރާތްތަކަށް ބެލެވެނީ އެކްތާ ގެނައުމަށް މަސައްކަތް ކުރަނީ ޑްރާމާގެ ދެވަނަ ސީޒަނެކެވެ.

އެކްތާ ވަނީ ދާދިފަހުން، އެ ޑްރާމާ ސިލްސިލާގެ މުޙިއްމު ރޯލެއްގައި ހަރަކާތްތެރިވި ސަކްޝީ ތަންވާރު އާއެކު ސެލްފީ އެއް ނެގުމަށްފަހު، މީސް މީޑިޔާގައި އާއްމުކޮށްފައެވެ. އެފޮޓޯ މީސް މީޑިޔާގައި އާއްމު ކުރުމުން، ޑްރާމާގެ ދެވަނަ ސީޒަނެއް އަންނަނީކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން، އެކްތާ، ސީދާ ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ހަމައެހެންމެ، ކުރީގެ ޑްރާމާގައި ހަރަކާތްތެރިވި އެއްވެސް ތަރިއެއްވެސް، މިކަމާ ގުޅިގެން އެއްޗެއް ބުނެފައި ނުވެއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގަޮތުގައި އެކްތާ ދަނީ ދޭތެރެ ދޭތެރެއިން އާއިލީ ކަންކަން ނުވަތަ "ސާސް ބަހޫ" ފިލްމުތަކަށް އޭނާގެ ހިތުގައި ދެވިފައިވާ ޚާއްޞަ މަޤާމު އާއްމުކުރަމުންނެވެ. އަދި، އެންމެ އުފައްދާ ހިތްވަނީ އެފަދަ ފިލްމުތައްކަމަށްވެސް، އޭނާ ބުނެފައިވެއެވެ.

މީގެކުރިން، އެކްތާ ވަނީ، އޭނާގެ އެންމެ ކާމިޔާބު ޑްރާމާ އަދި އެންމެންވެސް ދަންނަ "ކަސޯޓީ ޒިންދަގީ ހޭ" ވެސް އަލުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އެކްތާ އުފައްދާ، މިހާރު މަޤުބޫލު ޑްރާމާތަކުގެ ތެރޭގައި "ޔޭހޭ މޮހައްބަތޭން" އަދި "ކުމްކުމް ބަގްޔާ" ހިމެނެއެވެ.