ބައްޕަ އަހަންނަށް ފޯނެއް ގަނެދިނީ ގްރޭޑު 11 ގައި އުޅެނިކޮށެވެ. އެކަން އަހަންނަށްވީ ނިޝާން އާއި އަހަންނާއި ދެމެދުގައި އޮތް ޚައްސަ ގުޅުން ދެމެހެއްޓުމަށް ލިބުނު އިތުރު ފުރުސަތަކަށެވެ. މަންމަމެންގެ ކުރިމަތީގައި އަހަންނަކީ ކުޑަކުޑަ ކުއްޖެއް ކަމުގައި ވީނަމަވެސް، ހަޤީޤީ ލޯތްބަކީ ކޮން އެއްޗެއްކަން އަހަންނަށް ވަނީ ރަނގަޅަށް އެނގި ދަސްވެފައެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެންމެންވެސް މިއަދު އަހަންނަށް ނަފްރަތު ކުރެއެވެ. އަހަރެން ނިޝާން ދެކެ ލޯބިވާތީއެވެ. އޭނާ އަކީ "ޕާޓޭ" އަކަށްވެފައި އަހަންނާއި އޭނާ އާއި ދެމެދުގައިވާ ގާތް ގުޅުމަށް ހީނަރުކަން އަޔަނުދޭން އަހަރެން ނޭދޭތީއެވެ.

އަހަރެން "ލޯބީގެ ކުޅިގަނޑު" ކުޅޭކަމަށް ގޭ އެންމެން ދައްކާ ވާހަކައާއި އަހަރެން އަދިވެސް ދެކޮޅެވެ. އެއީ އަހަންނާއި ނިޝާންގެ ދެމެދުގައި ކިތަންމެ ގާތް ގުޅުމެއް އުފެދިފައި ވީނަމަވެސް، އަދި ކިތަންމެ ލޯބިވީކަމުގައި ވީނަމަވެސް، އެ ގުޅުމަށް އަހަރެންވެސް އަދި އޭނާވެސް ނަމެއް ނުދޭތީއެވެ. އެހެންކަމަށް ވާނަމަ އަހަރެމެން ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅި ރައްޓެހިވެގެންތޯ ސުވާލު ކުރުމުން އަހަރެން އެކަމަކަށް އެއްބަހެއް ނުވާނަމެވެ. ނުކުރާ ކަމެއް ވާނީ ހަމަ ނުކުރާ ކަމަކަށެވެ. އަދި ނުކުރާ ކަމެއް ބޮލުގައި އަޅައިގެން ދެން ކުރިމަތިލާން ޖެހޭކަންތައްތައް އަހަންނަށް ސިފަކުރެވެއެވެ.

ނިޝާން އާއި އަހަންނާއި ދެމީހުން އެންމެ ކުޑައިރުން ފެށިގެންވެސް އުޅެމުން އައީ އެކީގައެވެ. އިއްތިފާޤުން ކިޔަވަންދިޔައީ އެއް ސްކޫލަކަށެވެ. ސްކޫލް ދައުރުން ފެށިގެންވެސް އޭނާއަށް ހާއްސަކަމެއް އަހަންނަށް ވަނީ ދެވެން ފަށާފައެވެ. އެ އިހުސާސްތަކުގައި ހަޤީޤީ ކުލަ ޖެހެން ފެށުނީ އަހަރެން ގްރޭޑް 8 އަށް ދިޔަފަހުންނެވެ. އަހަންނަށް އޭނާއާއި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނީ އޭރުގައެވެ. އޭނާއަކީ ހިއްވަރުގަދަ މީހެކެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި ދިމާވި ކަންކަމުގެ ސަބަބުން ރަނގަޅު މަގުން ކައްސާލައިގެންގޮސް މަގުމަތީގައި އުޅެވެން ފެށުމުގެ ނަތީޖާއަކަށްވީ "ޕާޓޭ"ގެ ލަގަބު އޭނާއަށް ލިބުމެވެ.

ކުރީގައި މޮޅަށް ކިޔަވައި މަތީ ވަނަތައް ހާސިލްކުރި ކަމުގައި ވީނަމަވެސް، އާއިލާ ރޫޅި ގަޑުބަޑުވި ހިސާބަކީ އޭނާގެ ޙަޔާތަށް ކަޅު ހިޔަންޏެއް ވެރިވި ހިސާބެވެ. މިވާހަކަތައް އޭނާ އަހަންނަށް ކިޔައިދިނީ އެހަކަށް ދުވަހުއެވެ. އަހަރެމެން ދެމީހުން ވާހަކަދައްކާތީ ބަޔަކު ނަފްރަތުވާކަން އެނގުމުންނެވެ. އެދުވަސްތަކުގެ ހަނދާންތައް އަހަންނާއި އޭނާ ހިއްސާކުރަނީ ދެލޮލުން ކަރުނަ އަޅަމުންނެވެ. އެވާހަކަތައް އަޑުއަހާފައި އޭނާއަށްޓަކައި ހާއްސަ ކުލުނެއް އަހަރެންގެ ހިތުގައި އުފެދިފައި ވެއެވެ.

އެހެން ނަމަވެސް އެއީ އޭނާގެ ފޮރުވިފައިވާ ފަރާތެވެ. އޭނާ ދެކެނީ އެއީ މާޒީ ކަމުގައެވެ. އެކަމުން ކުރިމަގަށް ހުރަސް އެޅެމުންދިޔަ ކަމުގައި ވީނަމަވެސް މެއެވެ. ނިޝާންއަށް އެފަދަ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު، ހަޤީޤަތުގައި އެނގޭނީ އަހަރެން ކަހަލަ މަދު ބަޔަކަށެވެ. "ލޭބަލް" ވެފައިވީތީ ހަޤީޤަތް އޮޅުން ފިލުވަން އެއްވެސް މީހަކު ބޭނުން ނުވަނީއެވެ. އެހެން ވާން ޖެހުނު ސަބަބެއް އޮޅުންފިލުވައި އެކަމުން އޭނާ ސަލާމަތްކޮށްދޭން ބާރުއަޅައި ހިއްވަރުދޭންވެސް އެއްވެސް މީހަކު ބޭނުން ނުވަނީއެވެ.

ނިޝާންހައި ހިއްވަރުގަދަ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އާއިލާ އާއި މުޅި މުޖުތަމަޢުގައިވެސް އޭނާ ބަލައިގަންނާނެ މީހަކު ނެތްކަމުގައި ވީނަމަވެސް، އެތެރޭގައި ފޮރުވިފައިވާހައި ކަރުނަތައް އަހަރެން ނޫން މީހަކަށް އޭނާ ނުދައްކައެވެ. މީހުން ދައްކާހައި ވާހަކަތަކާއި ދިމާވާ ކޮންމެ ކަމަކާއި އޭނާ ކުރިމަތިލަނީ ފޮރުވާފައިވާ ހަޤީޤަތް ސިއްރުކުރަމުންނެވެ. ވީއިރު އޭނާ ރަނގަޅު މަގަށް އަޅުވާލެވިއްޖެ ކަމުގައިވާނަމަ މުޖުތަމަޢަށް ބޭނުންތެރި، ރަނގަޅު ޒުވާނަކަށް އޭނާ ނުވާނެހެއްޔެވެ؟

ނިޝާން އާއި އަހަރެން ވާހަކަ ދައްކާކަން އެންމެ ފުރަތަމަ އެނގުނީ އަހަރެންގެ ދައްތައަށެވެ. އެއީ ދައްތަވެސް އަހަންނާއި ދުރުވާންފެށީ ހިސާބެވެ. އިތުރަށް ވާހަކަދައްކާނެ ފުރުސަތެއްވެސް އަހަންނަށް ނުލިބެނީސް މަންމަމެނަށްވެސް ދައްތަ އެވާހަކަ ކިޔައިދީފއެވެ. ބައްޕައަށްވެސް އެކަން އެނގުނު ހިސާބުން ފެށިގެން އަހަންނާއި ގުޅުން ކަނޑާލީއެވެ. އާއިލާގެ އެއްވެސް މީހަކު އަހަންނާއި ރަނގަޅަށް އަނގައިން ނުބުނާތާ، ރުޅިވެރި ނަޒަރަކުން ނޫނީ ބަލައި ނުލައެވެ. އާއިލާގެ ލޯބިން ކުއްލިއަކަށް މަހުރޫމުވާން ޖެހި، އެންމެންގެ ހަރު ހިތާއި ކުރިމަތިލާން ޖެހުން އަހަންނަށްވެފައި މިވަނީ އާކަމަކަށެވެ. އެ އިހުސާސްތައް ބަޔާންކޮށްދޭން އަހަންނަކަށް ނުވެސް އެނގެއެވެ.

ނިޝާން އަކީ ނަމުން "ޕާޓޭ" އަކަށްވީނަމަވެސް، އަހަރެންގެ ކުރިމަތީގައި އޭނާއަކީ އޯގާތެރި ރަނގަޅު މީހެކެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ ބަސް ވިކެއެވެ. ރަނގަޅުމަގުން ރަނގަޅު ގޮތުގައި ކުރިޔަށްދާންވެސް ބޭނުންވެއެވެ. ވީއިރު އޭނާއަށްވެސް ފުރުސަތު ދޭން ޖެހޭނެއެވެ. މުޖުތަމަޢުން ބާކީކޮށްލައި "ޕާޓޭ"ގެ ލަގަބު ދިނުމަކުން އަދި އެނިމުނީއެއް ނޫނެވެ. އެކަހަލަ ކިތަންމެ ނިޝާނެއް އެބަ އުޅެއެވެ. އެންމެންގެ ނަފުރަތާއި ކުރިމަތިލާންޖެހުމުން މަގު ބަންދުވެފައި ތިބި ކިތަންމެ ނިޝާނެއް ގޮތްހުސްވެފައިވާ ހާލުގައި މަގުމަތީގައި އުޅޭނެއެވެ.

ކޮންމެއަކަސް ހަޤީޤަތަކީ މިއަދު އަހަރެން ދުނިޔެއިން މޮޔަނުވެ، ދުނިޔޭގައި ސަލާމަތުން މިހުރީ ނިޝާންގެ ސަބަބުންކަމެވެ. ހުދު އަހަރެންގެ ސިކުނޑިއަށް ނުރަނގަޅު ވިސްނުންތައް ވެރިވެ ހަވާ ނަފްސަށް އިތުބާރު ކުރެވޭ ވަގުތުގައި، ހެޔޮ މަގު ދައްކައިދެނީ އެބުނާ "ޕާޓޭ"އެވެ. އޯގާތެރިކަމުގެ ބަސްތައް އޭނާގެ ދުލުން އަހަންނަށް އިވޭ ކޮންމެ ފަހަރެއްގައިވެސް އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ. އެހެން ހުރިހައި ކަމެއްގެ މަތީން ހަނދާން ނެތޭކަހަލައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެ އިހުސާސްތައް ހިތުގައި ފޮރުވައިގެން އަހަރެން އުޅެން ޖެހިފައިމިވަނީ އެއްކޮޅުގައި އާއިލާ އޮވެފައި އަނެއްކޮޅުގައި އަހަރެންގެ ހިތުގެ ވެރިޔާ ވާތީއެވެ. އެއްކޮޅެއްވެސް ދޫކޮށްލާނެހައި ހިއްވަރެއް އަހަރެންގެ ގައިގައި ނެތެވެ. ދުނިޔޭގެ އާދައަކީ މިއީ ހެއްޔެވެ..؟

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޭނާ

    ލަވް ދިސް "ޕާޓޭ" އިންގެ އަޑު އިއްވާދިނީތީ ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
    މިއީ އަޅުގަނޑުމެން ކަހަަަލަ ވަރަށް ގިނަ ކުދިންގެ އިހުސާސްތައް

  2. ކަމަނަ

    މަށަށް ވެސް ދިމާވި ތީގެ ކުއްޖަކާ...

  3. ލެޖެންޑު

    ޑޯންޓް ޖަޖް ބައި އިޓްސް ބުކް ކަވާރ.

  4. އައިރާ

    އަންހެން ކުުއްޖާއަށް ބުނެލަން އޮތީ އެފިރިހެން ކުއްޖާއަށްޓަކައި ހެޔޮދުޢާ ކޮށްދީ.އަދި އިސްތިޚާރާކޮށްފަ ނޫނީ އެއްވެސް ނިންމުމެއް ނުނިންމުން އެދެން.ފިރިހެން ކުއްޖާއަށް ބުނެލަން އޮތީ ހެއްދެވިފަރާތަށް ފުރިހަމައަށް އިތުބާރުކޮށް ވަރުގަދަ އަޒުމަކާއިއެކު ތިކަންކަމުން ސަލާމަތްވުމަށް ހިތްވަރާއިއެކު މަސައްކަތްކުރޭ.ﷲއީ ނުހަނު އޯގާވަންތަ ގިނަގިނައިން ފާފަފުއްސަވާ ފަރާތެއް.ދުނިޔޭގެ އެންމެން ތިބާއަށް ނުރުހުންވިޔަސް އެފަރާތް ތިބާދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާނެ.އެހީއާއި މަދަދަށް ފުރަތަމަވެސް އެދެންވީ ހަމައެކަނި ﷲގެ ހަޟްރަތުން.މިވިސްނުމުގަ ކުރިޔަށްދޭ.އިންޝާﷲ ކޮންމެވެސް ދުވަހަކުން ތިބާއަށް އަދި ތިބާ ފަދައިން މަގުގެއްލިފަވާ ކޮންމެ މީހަކަށްވެސް ކާމިޔާބު ދެއްވާނެ.

  5. އަންމަޓަސީ

    މުސްލިމު މަންމަޔަކާ ބައްޕައްކަށް ލިބިފައިވާ ސުންޕާ ދަރީންގެ ވާހަކަ... ޗީޗީ.. ތީގެ ޕާޓޭންގެ ސްޓޯރީ ވވވވވ މޮޅުވާނެ. ތިކަހަލަ އަންހެނުން ވާ ވައްދާލާނެ... އީމާން ތެރިކަން ކުޑައީ... ވވވ ސާފު... މަންޖެ އިސްލާހުވެބަލަ ޒިނޭނުކޮށް

  6. އެނގޭ

    ތިބުނި "ޕާޓޭ" ރުޅި އަންނަ ވަގުތު، ރައްޓެހިންނަށް ނޫނެކޭ ބުނަން ނުކެރި ހިއްޕަވާ ވަގުތު، ކަމަކާ ނައްޓާފަ ހުންނަ ވަގުތު މަންޖެއާ ދިމާލަށް ކިޔާލާ އެއްޗެހި ބުނެލުންވެސް ރަގަޅު ކަންނޭގެ. ގޯހީ މަންޖެ އެއްނޫން، އެ "ޕާޓޭ"ގެ ޕޭރެންޓްސް އަދި އަމިއްލައަށް ވިސްނޭ ވަރު ވީމަވެސް ދީނާއި ދުރުވެގެން އުޅޭ ހަމަ އެ ޕާޓޭ.!!!