ސީރިއާ އިން ފިލި މަންމަ އާއި ދަރިފުޅު އެއް ޔުނިވަސިޓީއަކުން ޑިގްރީ ހަދަން ފަށައިފިއެވެ.

ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައާއި ގުޅިގެން ގައުމު ދޫކޮށް ފިލި މަންމަ އާއި ފިރިހެން ދަރިފުޅު ޑިގްރީ ހާސިލްކުރަނީ އިނގިރޭސި ވިލާތުގައި ހުންނަ އެއް ޔުނިވަސިޓީ އަކުންނާއި އެއް ކޯހަކުންނެވެ. ދެމީހުންވެސް ޑިގްރީ ފަށާފައި ވަނީ މި ހަފްތާގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ސީރިޔާ އިން ފިލި މަނާލް ރަވާއިހް، 47 އާއި ބިލާލް ބަތޫސް، 18 ޑިގްރީ ހާސިލް ކުރަނީ ބަޔޯމެޑިކަލް ސައިންސްގެ ދާއިރާއިންނެވެ. ދެފަރާތުން ކިޔަވަނީ ނޮޓިންހަމް ޓްރެންޑް ޔުނިވަސިޓީ އިންނެވެ.

އެއް ކްލާހެއްގައި މަންމަ އާއި އެކު ކިޔަވަން ހުންނަން ޖެހުމުން ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވޭކަމަށް ބިލާލް ބުންޏެވެ. މަންމަ އަށް އެހާ ރަނގަޅަށް އިނގިރޭސި ނޭނގޭތީ ކައިރީގައި ހުރުމުން މަންމަ އަށް އިނގިރޭސިވެސް ދަސްކޮށް ދެވޭކަމަށް އޭނާ ބުންޏެވެ.

މަނާލް އަކީ ސީރިޔާގައި އުޅުނު އިރު ހޮސްޕިޓަލެއްގެ ލެބޯޓަރީގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އަކީ ލެބޯޓަރީން ތަޖުރިބާ ހޯދައިގެން ހުރި މީހަކަށް ވުމުން ބިލާލް އަށް ނޭނގޭ އެއްޗެސް ދަސްކޮށްދޭން ވަރަށް ފަސޭހަ ކަމަށް އޭނާ ބުންޏެވެ. އަދި ބިލާލް ވެސް މަންމަ ކައިރީ ހުރެ ނޭނގޭ އެއްޗެހި ދަސްކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

ސީރިޔާގައި ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާއެއްގައި ބިލާލް އާއި މަނާލްގެ އަވައްޓެރިން މަރުވިއެވެ. އެތައް ގެއްލުމެއް އެމީހުންގެ ލޯ ކުރިމަތިން ވެފައިވާއިރު އެކަން އިތުރަށް ތަޖުރިބާ ނުކުރުމަށް ބިލާލްގެ އާއި އެހެން ތަނަކަށް ވަޒަންވެރިވިއެވެ.