ކޮވިޑް-19ގެ އާލަމީ ވަބާއާއެކު އެންމެ މުހިންމު އެކައްޗަށް ވެގެން ގޮސްފައި ވަނީ މާސްކެވެ. އެއާ ނުލާ އަދި އުޅެވެންވެސް ނެތެވެ. ބޭރަށް ނުކުތް ކަމުގައިވިޔަސް، ތަނަކަށް ދިޔަ ކަމުގައިވިޔަސް މާސްކް އަޅަން އެބަ ޖެހެއެވެ. އެހެން ނަމަވެސް މާސްކް ނާޅާ މާ ގަދަ ދައްކާފައި އުޅޭ މީހުންވެސް އެބަތިއްބެެވެ. އެފަދަ މީހުންނަށް ލަނޑުވެސް ލިބިފައި ވެއެވެ.

އެގޮތުން ޖޯޑަންގައި ފިިރިހެނަކު މި ވަނީ އޭނާ ކައިވެނި ކުރި މީހާ މާސްކް އެޅުމަށް ދެކޮޅު ހެދުމުން ވަގުތުން ކައިވެނި ރޫޅާލާފައެވެ. އެކަން ކޮށްފައި ވަނީ ކައިވެނި ކުރުމަށް ކޯޓުގައި ތިއްބާ، އެތަނުގައި ތިބި އޮފިޝަލުންވެސް ކުރިމަތީގައެވެ.

އެ އަންހެން މީހާ ބުނި ގޮތުގައި އޭނާ މާސްކް އަޅާން ބޭނުން ނުވީ، ތުންފަތުގައި ހާކާފައި ހުރި ކުލަ ފަނޑުވެދާނެތީ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޝަރީއާ ކޯޓުގެ މުވައްޒަފުން ވަނީ އެތައް ފަހަރެއްގެ މަތިން އެ ފިރިހެން މީހާ ކައިރީގައި މާސްކް އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. އޭނާ ދިޔައީ އެކަން އަންހެނުންނަށްވެސް އަންގަމުންނެވެ. އެހެން ނަމަވެސް ތުންފަތުގައި ހުރި ކުލަ ފަނޑުވެދާނެތީ އޭނާ މާސްކެއް ނޭޅިއެވެ.

އެންމެ ފަހުން ފިރިހެން މީހާ ވަނީ އޭނާ ދައްކާ ވާހަކަ އަޑުނީވޭތޯ ވަރަށް ބާރަށް ގޮވާފައެވެ.

މިއާއެކު އެ ދެމަފިރިން ޒުވާބު ކުރަން ފެށިއެވެ. އަދި އެ ޒުވާބުގެ ތެރެއަށް އަންހެން މީހާގެ ބޭބެ ވަންއިރު، އެ ޒުވާބު ހޫނުވެ ކޯޓު ތެރޭގައި ފިރިހެން މީހާ ވަނީ އެ ކައިވެނި ރޫޅާލައިފައެވެ.

ޖޯޑަންއަކީވެސް ވަރީގެ މައްސަލަ ގިނަ ގައުމެކެވެ.