އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި ދިރިއުޅެމުންދިޔަ އެއް އާއިލާގެ 11 މެންބަރުންގެ މަރުގެ ވާހަކަ މިއަދު އިންޑިއާގެ ހުރިހާ ނޫހެއްގެ ފަލަ ސުރުހީއަށް އަރަމުން އަންނައިރު، އެ އާއިލާގެ މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި، މަރުވި އެ އާއިލާގެ 11 މެންބަރުންގެ ލޯތައް މިހާރު ވަނީ ލޯ ހަދިޔާ ކުރާ ބޭންކަކަށް ހަދިޔާކޮށްފަައެވެ.

އެ އާއިލާގެ ގާތްތިމާގެ މީހުން ބުނީ، މިގޮތަށް އެ އާއިލާ މެންބަރުންގެ ލޯތައް ހަދިޔާ ކުރީ، އެ އާއިލާއަކީ އެހެން މީހުންނަށް އެހީތެރިވާ ބައެއްކަމުގައި ވާތީ ކަމަށެވެ.

"އެ އާއިލައިން އަބަދުވެސް ގިނަބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ. އެ އާއިލާގެ 11 މީހެއްގެ ލޯ ޑޮނޭޓް ކުރުން ވެގެން ދާނީ 11 މީހަކަށް ލޮލުގެ ފެނުން ލިބުނުކަހަލަ ކަމަަކަށް". އެ އާއިލާގެ ގާތް ތިމާގެ މީހުން ބުންޏެވެ.

އެ އާއިލާގެ އުމުރުން 15 އަހަރާއި 77 އަހަރާއި ދެމެދުގެ 11 މީހަކު މަރުވެފައި ތިއްބާ ފެނުނުއިރު، އޭގެ ތެރެއިން ގިނަ މީހުން ތިބީ ދަން ޖެހިފައެވެ. އޭގެ ތެރޭގައި މާމަ ދަރިންނާއި، އަމިއްލަ ދަރިން އެބަތިއްބެވެ.

އަދި އުމުރުން 77 އަހަރުގެ އަންހެނަކު އޮތީ ބިންމަތީގައެވެ.އެ އާއިލާގެ ގިނަ މެމްބަރުން ތިބީ ކަނުބަނދެ، އަނގަ ބަންދުކޮށް، ފަހަތަށް އަތް އައްސާފައެވެ. އަދި އެގޭ ތެރެއިން ފަންޑީތަކަމަށް ބެލެވޭ ބާވްތަތަކެއް ފެނިފައިވާކަމަށް ވެއެވެ.

އެ އާއިލާގެ ކުއްލި މަރާއި ގުޅިގެން އިންޑިއާގައި ބިރުވެެރިކަން އުފެދިފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި އެ މީހުން ދަނީ އަވައްޓެރިންނާއި ސުވާލުވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު