ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީސް ކަމުގައިވާ ދެކުނު ކޮރެޔާގެ ޑުރާމާ ސްކުއިޑް ގޭމަކީ ނެޓްފްލިކްސްގެ ސީރީސްތަކުގެ ތެރެއިން 100 މިލިއަނަށް ވުރެ ގިނަ މީހުން ބެލި ފުރަތަމަ ޑުރާމާއެވެ.

ޑުރާމާ ދައްކަން ފެށިތާ ގާތްގަނޑަކަށް މަސް ދުވަހުގެ ތެރޭގައި ނެޓްފްލިކްސް އިން މި ޑުރާމާ ބަލާފައިވާ މީހުންގެ އަދަދު 110 މިލިއަނަށް އަރައިފިއެވެ. މިއީ ނެޓްފްލިކްސްގެ ތާރީޚުގައި އެންމެ ގިނަ މީހުން ބަލާފައިވާ އެއް ޑުރާމާއެވެ.

މިކަން އާއްމު ކުރަމުން ނެޓްފްލިކްްސްއިން ބުނެފައިވަނީ 110 މިލިއަން ވިއުސްއާއި އެކު ނެޓްފްލިކްސްގެ އެންމެ ގިނަ މީހުން ބެލި ޑުރާމާއަކީ ސްކުއިޑް ގޭމު ކަމަށެވެ. ދެވަނައަށް އެންމެ ގިނަ ވިއުސް ލިބުނު ނެޓްފްލިކްސް ސީރީސްއަކީ ބްރިޖެޓަންއެވެ. އެއީ 82 މިލިއަން ވިއުސްއާއި އެކުއެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފެށި މި ޑުރާމާ ވަނީ 94 ގައުމެއްގެ ޗާޓުގެ އެއްވަނައިގައި ހިމެނިފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ. އޭގެތެރޭގައި އެމެރިކާ، ބްރިޓަން، ފުރާންސް ފަދަ ގައުމުތައް ހިމެނެއެވެ.

ހުވަންގް ޑޮންގްހުވަކް ޑައިރެކްޓް ކޮށްފައިވާ މި ޑުރާމާގައި ދައްކުވައިދެނީ ވަޒީފާއެއް ނެތި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ 456 މީހަކު ބައިވެރިވާ ނުރައްކާތެރި ގޭމުތަކެކެވެ.

މި ޑުރާމާގެ މައިގަނޑު ރޯލުން ފެނިގެންދާ ބައެއް ފަންނާނުންނަކީ ލީ ޖަންގް ޖައެ، ޕާކް ހައެ ސޫ، ޖަންގް ހޮއެޔިއޮން އަދި ވީ ހާޖޫންއެވެ.

މި ޑުރާމާއަކީ މަގުބޫލު ޑުރާމާއެއް ނަމަވެސް މިއީ ކުޑަކުދިން ބެލުމަށް އެކަށީގެންވާ ޑުރާމާއެއް ނޫނެެވެ. ބައެއް ގައުމުތަކުގައި ސުކޫލުތަކުން ވަނީ ދަރިވަރުންނަށް މި ޑުރާމާ ނުދެއްކުމަށް އެދިފައެވެ.