ދުނިޔޭގައި ހުރި އެންމެ ބަރު، ފުރާވަރު އުމުރުގެ ކުއްޖާގެ އޮޕަރޭޝަންތަކެއް ކޮށްފިއެވެ. އެކުއްޖާގެ ބަރުދަން ލުއިކުރުމުގެ ބޭނުމުގައި، އެކުއްޖާގެ އާއިލާގެ އެދުމުގެ މަތިން، މޮޅު ޑޮކްޓަރުންގެ ޓީމަކުން ކޮށްފައިވަނީ ގޭސްޓްރިކް ބައިޕާސް އޮޕަރޭޝަނެކެވެ.

އުމުރުން 14 އަހަރުގެ މި ކުއްޖާގެ ނަމަކީ މިހިރް ޖެއިން ކަމުގައިވާއިރު، އޭނާގެ ބަރުދަން އެންމެ އުހުގައި ހުރިއިރު، ބަރުދަނުގައި 237 ކިލޯ ހުއްޓެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން، މިހިރުގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނަކަށް، އޭނާ އެންމެ ފުރަތަމަ ގެނެސްފައިވަނީ މީގެ މަދު މަސްކޮޅެއް ކުރިންނެވެ. މުމްބާއީގައި ހުންނަ މެކްސް ހޮސްޕިޓަލަށް، މިހިރް ގެންދިޔައިރު، މިކަން ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

މިހިރުގެ އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ތަޖުރުބާކާރު ޑޮކްޓަރެއް ކަމުގައިވާ ޑރ. ޕްރަދީޕް ޗޯބޭ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ، މިހިރު ފެނުނުއިރު، އޭނާގެ ފަލަކަމުންނާއި ބަރުދަން ހުރި ވަރުން، އޮޕަރޭޝަން ކުރެވޭނެކަމަށް ހީވެސް ނުކުރާކަމަށެވެ.

މި ޑޮކްޓަރ އިތުރަށް ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ މިހިރުގެ ބަރުދަން ލުއިކުރުމަށް ބޭނުންކުރީ ޑައިޓެކެވެ. "ވެރީ ލޯ ކެލަރީ ޑައިޓު" ގެ ނަމުގައި ޑޮކްޓަރުން މިއަށް ނަން ދީފައިވާއިރު، އެކަމުގެ ނަތީޖާ، މިހިރުގެ ހަށިގަނޑުންނާއި ބަރުދަނުން ދިޔައީ ފެންނަމުންނެވެ. އެހެންނަމަވަސް، އިތުރަށް ބެލި ބެލުންތަކުން، އޮޕަރޭޝަން ކުރުން ނޫން ގޮތެއް ނެތްކަން ހާމަވިކަމަށްވެސް، ޑޮކްޓަރު ބުނެފައިވެއެވެ.

ޑރ. ޗޯބޭ ބުނެފައިވާ ގޮތުގައި، މިހިރުގެ ހަށިގަނޑު ހުރި ގޮތުން، އެންމެ ދަތި ކަމަކަށް ދިމާވެފައިވަނީ ހޭނެއްތުމުގެ ކަންކަމެވެ. އެކަމަށް، އާއްމުކޮށް ހުންނަ އާދައިގެ އިންޖެކްޝަންތައް ބޭނުން ނުކުރެވޭއިރު، އެކަމަށްވެސް ޖެހުނީ ޚާއްޞަ، އެހެން އާލާތްތައް ހޯދާށެވެ.

މިކަމާ ގުޅިގެން މިހިރުގެ މަންމަ ބުނެފައިވަނީ، އޭނާ އުފަންވިއިރުވެސް ބަރުދަން ހުރީ އެކަށީގެންވާ މިންވަރެއްގައިކަމަށާއި، އޭރު އެއްވެސް ކަމެއް ފާހަގަ ނުވާކަމަށެވެ. އެހެންނަމަވެސް، ބޮޑުވަމުން އަންނަ ވަރަކަށް ހަށިގަނޑަށް ބަދަލުތައް އަންނަކަމަށާއި އަދި ގިނަ އަދަދަކަށް ލުއިކާނާގެ ބާވަތްތައް އޭނާ ކާ ކަމަށްވެސް ބުނެފައިވެއެވެ. އާއިލާގެ ގިނަ މީހުންނަކީ އޭރުވެސް އޯވަރ ވެއިޓް މީހުންކަމުން، މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، ފަހުން ބަރުދަން އެތައް ތަނެއް އިތުރުވެ، ހިނގައި ބިނގާވެ އުޅުމަށްވެސް ދަތިވިއެވެ. މިކަމުގެ ސަބަބަުން ކިޔަވަންވެސް މަޖުބޫރުވީ ގޭގައި އޮވެގެންނެވެ. އެހެންނަމަވެސް، އޮޕަރޭޝަނަށް ފަހު ބަރުދަން ހިއްކާލައި، އޭނާވަނީ ތަފާތު ދައްކާލާފައެވެ.

މި ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާ އެންމެ ގަޔާވާ ބާވަތުގެ ކެއުމަކިީ ޕާސްތާ އެވެ. ދެވަނައަށް ޕިއްޒާ އެވެ.