އިންޑިޔާގެ ކުޅަދާނަ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާގެ ދެބެއިންގެ ދެދަރި ކުއްޖެއް ކަމަށްވާ މީރާ ޗޯޕްރާއަށް މީހަކު ބޮޑު ލަނޑެއް ދީފިއެވެ.

މީރާ އަށް ބޮޑު ލަނޑެއް ދީފައި ވަނީ އޭނާގެ ގެ މަރާމާތު ކުރަން ހަވާލުކުރި މީހެކެވެ. މިކަމާ ގުޅިގެން ބޭރުގެ މީޑިޔާ އަކަށް ދިން އިންޓަވިއުއެއްގައި މީރާ ބުނީ އޭނާގެ ގެ މަރާމާތު ކުރަން މީހެއްގެ އަތަށް ގިނަ އަދަދެއްގެ ފައިސާ ދިނުމުން އެމީހާ އެ ފައިސާތައް ނަގައި މަަކަރު ހަދާފައިވާ ކަމަށެވެ.

ގެ މަރާމާތު ކުރަން މިރާ ހަވާލުކުރީ އޭނާގެ އާއިލާއިންވެސް ދަންނަ މީހަކާއެވެ. މީރާ ބުނީ ގެ މަރާމާތު ކުރުމަށް 17 ލާކް ރުޕީސް(348,853 ރުފިޔާ) އަރާއިރު އެ ފައިސާގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށުމުގެ ކުރިން އެމީހާ އަތަށް އަށް ލާކް ރުޕީސް(164,159.77 ރުފިޔާ) ދިން ކަމަށެވެ.

މީރާ 12 ދުވަސް ވަންދެން ފޮޓޯ ޝޫޓަކަށް ގޮސް އެނބުރި އަންނައިރު، އެ މަސައްކަތް ނިންމުމަށް ކަނޑައެޅިއިރު، އޭނާ އެނބުރި އައިސް ބެލިއިރު، ޑިޒައިން ކުރާ މީހާ ކޮށްފައި ހުރި މަސައްކަތް މީރާ އަށް އެއްގޮތަކަށްވެސް ކަމުނުދިޔައެވެ. އެމީހާ މަސައްކަތް ކޮށްފައި ހުރީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށް މީރާ ބުނެފައި ވެއެވެ.

ގޭގެ މަރާމާތަށް އެމީހާ ކޮށްފައި ހުރި ހަރަދު 1.5 ލާކް (30,781.17 ރުފިޔާ) އަށްވެސް ނާރާނެ ކަމަށް މީރާ ބުނާއިރު އެވާހަކަތައް މަސައްކަތް ކުރި މީހާ ކައިރީ ބުނުމުން އެމީހާ ރުޅިގަދަވެ އެޑްވާންސް އަށް މީރާ ދިން ފައިސާ ނުދޭނެ ކަމަށް ބުނެ ވަނީ ގޮސްފައެވެ.

މި މައްސަލަ މީރާ ފުލުހަށް ހުށައަޅާފައިވާއިރު އޭނާ ބުނީ މީހުންނަށް މިފަދަ ލަނޑުދޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށާއި މިމީހުންގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ނުދެވޭ ވަރު ކުރަން ޖެހޭ ކަމަށެވެ.

މީރާ ބުނީ ގޭގެ މަސައްކަތް ކުރި މީހާ އަތުން އޭނާ ހޯދަން ބޭނުންވީ އެމީހާ މަސައްކަތައް ކުރި ހަރަދު ކަނޑާލާފައި އެޑްވާންސްއަށް ދިން ފައިސާ ކަމަށެވެ. ނަމަވެސް އެމީހާ ވަނީ އެ ފައިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.