އެމެރިކާގެ ކެލިފޯނިޔާގެ ގޮނޑުދޮށެއްގެ މޫދުގައި ގެނބެމުންދިޔަ ބަޔަކު ސަލާމަތް ކުރަން އުޅުނު މަންމައަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ، އެޤައުމުގެ ޕްލީންސެންޓަން އަށް ނިސްބަތްވާ އިންޑިޔާ ދަރިކޮޅު އަންހެނެކެވެ. އުމުރުން 47 އަހަރުގެ މި މީހާ އަށް ކިޔަނީ އާތީ ސެންތިލްވެލް އެވެ.

އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނާގޮތުގައި އާތީ މަރުވެފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެދުވަހު އޭނާ މޫދަށް ގޮސްގެން އުޅެފައިވަނީ އާއިލާގެ ބައެއް މެންބަރުންނާއެކު ވަގުތު ހޭދަކޮށްލުމަށެވެ.

ނޫސްތަކުން މިކަން ހިނގި ގޮތް އާއްމުކޮށްފައިވާއިރު، އެފަރާތްތަކުން، އާތީގެ އާއިލާގެ މެންބަރަކާ ހަވާލާދީ ބުނެފައިވަނީ އެއީ ތަޖުރުބާކާރު ފެތުންތެރިއެއް ނޫންކަމަށެވެ. އެހެންނަމަވެސް، އޭނާއަކީ އަބަދުވެސް މީހުންނަށް އެހީތެރިވުމަށް ބޭނުންވާ މީހެއްކަމަށާއި، އޭނާގެ ފުރާނައިން ގުރުބާން ވެގެން ވިޔަސް، އެދުވަހު އެކަކު ސަލާމަތް ކުރިކަމަށެވެ.

އިތުރަށް ބުނެފައިވާ ގޮތުގައި، ބައެއް މީހުން މޫދަށް ގެނބުނީ، ކަކޫތާފެނަށް އެރި ތިއްބާ، ބިންދަން ފެށި ބިޔަ ރާޅުތަކާ ގުޅިގެން އޮއި ގަދަވެ، ބައެއް މީހުން ދުރަށް ގެންދަން ފެށުމުންނެވެ. އޮއި ގަދަވެ، އޮޔާއެކު ގެންދަން ފެށި ގިނަ ފަރާތްތަކަކީ ކުޑަކުދިން ކަމުގައިވާއިރު، އެންމެންވެސް އަވަސްވެގަތީ ކުޑަކުދިންތައް ސަލާމަތް ކުރުމަށެވެ. އަތީވެސް އެހީވެގެން، ހިއުމަން ޗެއިން އެއް ހަދައިގެން އެކުދިންތައް ސަލާމަތްކުރިއެވެ. އެހެންނަމަވެސް، އެންމެފަހުން، އާތީގެ މަތިން ހަނދާން ނެތުނީއެވެ.

ފަހުން، މި ކުޅަދާނަ އަންހެނާ، ފެނުން ނަގައިގެން، އިމަޖެންސީގައި މަސައްކަތް ކުރާ ފަރާތްތަކުން ފަރުވާ ދޭން ފެށިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އާތީ އަކީ ދެ ކުދިންގެ މަންމައެކެވެ.