ސައުދި އަރަބިއްޔާގެ ވެރިކަން ކުރާ ސިޓީ ރިޔާދްގެ ސެކަންޑްރީ ސްކޫލެއްގެ ޓީޗަރަކު ދަރިވަރުންނަށް ކިޔަވަދޭން ހުއްޓާ ކުއްލިއަކަށް މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އަންހެން ޓީޗަރެކެވެ. ޝެއިޚާ އަތީޤާ ނަމަކަށް ކިޔާ އެ ޓީޗަރު ކްލާސް ތެރޭގައި ދަރިވަރުންނަށް ކިޔަވަދޭން ހުއްޓާ ވެއްޓުނީއެވެ.

"ސްކޫލްގެ ވެރިއާއާ އެހެން ޓީޗަރުންގެ އެހީގައި އެމްބިއުލާންސްއަށް ގުޅައި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ". އެ ޓީޗަރުގެ ބައްޕަ ބުންޏެވެ.

އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއްް ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެފައެވެ.

އޭނާ މަރުވެފައި ވަނީ ރޯދަ ހިފައިގެން ހުއްޓާ ކަމަށް ބައްޕަ ބުނެފައި ވެއެވެ. އަދި އޭނާއަކީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ރޯދަ ހިފާ މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭނާ މަރުވެފައި ވަނީ އޭނާގެ މިޝަން ކަމުގައިވާ ކިޔަވާ ދިނުމުގައި އުޅެނިކޮށް ކަމަށް ބުނެފައި ވެެއެވެ.

އިއްޔެގެ ވަގުތެއްގައި މަރުވި އެ ޓީޗަރުގެ އުމުރު ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގައި އާ އަހަރުގެ ކިޔެވުން ފެށީ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ