އައިފޯން 13 ބާޒާރަށް ނެރުނުތާ މާގިނަ ދުވަސްތަކެއް ނުވެ އެޕަލް އިން ވަނީ އައިއޯއެސް 15 ނެރެފައެވެ. އެޕަލްގެ ފޯނުތަކަށާއި އައިޕެޑް ތަކަށްވެސް މި ފަހުގެ އައިއޯއެސް އަޕްޑޭޓް ކުރެވޭއިރު ގިނަ ބަޔަކަށް ފަސޭހަވާނެ ކަމަށް އުންމީދުކޮށްގެން ތިއްބާ އަނެއްކާ އައިއެސްގެ އާ އަޕްޑޭޓް އެއް ނެރެން އެޕަލް އަށް މަޖުބޫރު ވެއްޖެއެވެ.

އެޕަލްގެ ފަހުގެ އަޕްޑޭޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައިއޯއެސްގެ އާ އަޕްޑޭޓެއް ނެރެން އެޕަލް އިން ނިންމާފައި މިވަނީ ފަހުގެ އައިއޯއެސް ނެރުނުތާ ދެހަފްތާ ފަހުންނެވެ.

މިހާރު ދައުރުވަމުންދާ ރިޕޯޓްތަކަށް ބަލާއިރު އެޕަލް އިން އެންމެ ފަހުގެ އައިއޯއެސް އަޕްޑޭޓް ނެރޭނީ އޮކްޓޯބަރު 25 ވަނަ ދުވަހުގައި އެވެ. މި އަޕްޑޭޓް ލޯންޗު ކުރާނީ މިމަހު 18 ގައި ބާއްވާ ހާއްސަ އިވެންޓެއްގައެވެ. މި އިވެންޓަކީ އެޕަލްގެ އާ މެކްބުކް ވެސް ދައްކާލާނެ ކަމަށް ބެލެވެއެވެ.

އާ އަޕްޑޭޓްގައި ޝެއާޕްލެއި އާއި އެކު ރައްޓެހިންނާއި އެކު ފޭސްޓައިމް ކުރަމުން ވީޑިއޯ ތަކާއި ފިލްމުތައް ބަލާލެވޭނެއެވެ.

މި އަހަރު ވެގެންދާނީ އެޕަލް އަށްވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ އަހަރަކަށެވެ. އެއީ އަލަށް ނެރުނު އައިފޯން އަކީ ކަސްޓަމަރުން ހީކޮށްގެން ތިބި ގޮތާއި މުޅިން އެއްގޮތް ފޯނަކަށް ނުވުމެވެ. އާ ފޯނުގައި ކުރިން ނެރުނު ފޯނާއި އަޅައި ބަލާއިރު ބޮޑު ތަފާތެއް ނެތްއިރު، މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ 2022 ވަނަ އަހަރު ނެރޭނެ ފޯނަށެވެ.