އައިސްއަލަމާރީގައި އޮތް ކުނިވަސް ދުވާ ކުކުޅު ނަގަން ފުލުހަށް ގުޅައިފިއެވެ.

އިނގިރޭސިވިލާތުގައި ތީމްސް ވެލީގައި މި ހާދިސާ ހިނގިއިރު، އެ މީހާ ފުލުހަށް ގުޅާފައި ވަނީ ގޭގެ އައިސް އަލަމާރީގައި އޮތް ކުކުޅުން ކުނިވަސް ދުވައިގެން ކެތް ނުކުރެވިގެންއެވެ. ފުލުހަށް ގުޅި މީހާ ބުނީ އައިސްއަލަމާރި އަށް ކުކުޅު ލާފައި ވަނީ ފިހާރައިން ގަނެގެން އައި ގޮތަށް ނުވެސް ކަނޑައި ކަމަށެވެ. ނަމަވެސް ފަހުން ކުކުޅު ބޭނުންކުރަން ކުކުޅު އަޅާފައި އޮތް ކޮތަޅު ފެޅުމުން ދުވީ ކުނިވަސް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާ ކުކުޅު ގަތް ތަނަށްވެސް ގުޅި ކަމަށެވެ. ނަމަވެސް އެމީހުންގެ ފަރާތުން ޖަވާބެއް ނުލިބުމުން ފުލުހަށް ގުޅީ ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި އެފަރާތަށް ކޮށްދެވެން އޮތް އެއްވެސް އެހީތެރިކަމެއް ނެތް ކަމަށެވެ. ސަބަބަކީ މިއީ ފުލުހަށް ގުޅި މީހާ އާއި އޭނާ ކުކުޅު ގަތް ފިހާރަ އާއި ދެމެދު ހިނގާފައިވާ ކަމަކަށް ވާތީއެވެ.

މި މައްސަލާގައި ފުލުހަށް ގުޅި މީހާ ވަނީ ފުލުސް ވެހިކަލަށް ޕެޓްރޯލް އަޅައި ދިނުމުން ކުކުޅު އޭނާގެ އައިސްއަލަމާރިން ނަގައި ދިނުމަށް އައިސްދާނަންތޯވެސް އަހާފައެވެ. ނަމަވެސް ފުލުހުން ބުނީ އެކަންވެސް ކޮށްދެވެން ނެތް ކަމަށެވެ.

މި ހާދިސާ ފެންމަތިވެފައި ވަނީ އެ އަވަށުގެ ފުލުހުން މީހުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮފްރާމެއްގެ ތެރެއިން ފުލުހަށް ބޭކާރު ކަންކަމުގައި ނުގުޅުމަށް އިލްތިމާސް ކުރުމުގެ ގޮތުންނެވެ.