ޗައިނާގެ ހުބޭއި ޕްރޮވެންސުގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ކައިވެނި ކުރި އަންހެން މީހާ އަޅައިގެން ހުރި 60 ކިލޯގެ ރަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި މި ކައިވެނި ޕާޓީގައި އަންހެން މީހާ އެތައް ކިލޯއެއްގެ ރަން ގަހަނާ އަޅައިގެން ހުރި އިރު މިއީ އިންޑިޔާ އަންހެނުންނާއި ފިރިހެނުން އެކަނި ކުރާ ކަމެއް ނޫންކަން މިހާރު ވަނީ ހާމަވެފައެވެ.

މީސް މީޑިއާގައި އެންމެ ގިނައިން ދައުރުވަނީވެސް އިންޑިޔާގައި ކުރާ ކައިވެނީގައި އަންހެންމީހާ އަދި ފިރިހެން މީހާވެސް ގިނަ ގަހަނާތައް އަޅައިގެން ތިބޭ ތަނެވެ.

ހުދު ކައިވެނީގެ ހެދުމެއްގައި ރަތް ކުލައިގެ މާބޮނޑިއެއް ހިފައިގެން ހުރި މި އަންހެން މީހާގެ މުޅި ހަށިގަނޑު ގަހަނާއިން ފުރުވާލާފައިވާއިރު 60 ކިލޯގެ ގަހަނާގެ ބަރުދަން އުފުލަން އުނދަގޫވޭތޯ ނޫންތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެއެވެ.

ގަހަނާ އަޅައިގެން އަންހެން މީހާ ހިނގާފައިދާ މަންޒަރުވެސް ފެންނައިރު އޭނާ ހިނގާފައި ދަނީ ފިރިމީހާގެ އެހީތެރިކަމާއި އެކުގައެވެ. އަދި ހިނގާފައި ދާއިރުވެސް އޭނާ އަށް ބަރުކަން އެނގޭވަރަށް އުނދަގުލުން ހިނގާފައިދާކަން އެނގެއެވެ.

އަންހެން މީހާ އަށް 60 ކިލޯގެ ރަން ގަހަނާ ހަދިޔާކުރީ އޭނާގެ ކައިވެނީގެ ރަންގެ ގޮތުގައެވެ.

ކައިވެނީގެ ހަފްލާ އަށް އަނބިމީހާ ވަނުމާއި އެކުވެސް އެންމެންގެ ލޯވެސް ހުއްޓުނީ އޭނާގެ ކަރުގައި އަޅާފައި އޮތް ބޮޑު ހާރަށެވެ. އަދި ހިނގަން އުނދަގޫވެފައިވާ ހާލުގައި އޭނާ ހަފްލާ އަށް ވަދެގެން އައިއިރު އެތައް ބަޔަކު އޭނާ އަށް ހިނގުމަށް އެހީވުމަށް އެދިފައިވާކަންވެސް ފާހަގަ ކުރެވެއެވެ.