މީސް މީޑިޔާ އަކީ މާ ގިނައިން ބޭނުންކުރުން އެކަށީގެންވާ އެއްޗެއް ނޫންކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ. އޭގެތެރޭގައި ހިމެނޭ ކޮންމެ ވަސީލަތެއްވެސް، އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރުމަކީ، އެކި ގޮތްގޮތުން، އިންސާނާއަށް ގެއްލުން ކުރުވާ ކަމެއްކަމަށް، އިތުބާރު ހިފޭ ފަރާތްތަކުން ކޮށްފައިވާ އިތުބާރު ހިފޭ ދިރާސާތަކުން ވަނީ ދައްކާފައެވެ.

މީހުން، އިންސްޓަގްރާމް ބޭނުންކުރާ މިންވަރު ދަށް ކުރުމުގެ ބޭނުމުގައި، އެ އެޕްލިކޭޝަން އިން ދަނީ ޚާއްޞަ ފީޗަރ އެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މި ފީޗަރ އަކީ، ކުންފުނިން، ކަސްޓަމަރުންނަށްޓަކައި ކޮށްދޭ ކަމެކެވެ.

ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިންސްޓަގްރަމް އިން އަލަށް ތަޢާރަފް ކުރަން އުޅޭ ފީޗަރ މެދުވެރިކޮށް، އެ އެޕްލިކޭޝަނުގައި މާ ގިނަ ވަގުތު ހޭދަކުރާނަމަ، އެކަން ބޭނުންކުރާ ފަރާތަށް އަންގާނެއެވެ. ހަމައެހެންމެ، 48 ގަޑިއިރުގެ ތެރޭގައި އަރާފައިވާ ހުރިހާ ޕޯސްޓެއް ބަލާފައިވާނަމަ، އެކަންވެސް ނޮޓިފޭޝަން އެއްގެ ޒަރީއާއިން، ބޭނުންކުރާ ފަރާތަށް އަންގާނެއެވެ.

އެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެހެން ފީޗަރ އެއް ޓެސްޓުކުރުމުގެ މަސައްކަތްވެސް، އިންސްޓަގްރަމް އިން ދަނީ ކުރަމުންނެވެ. އެއީ، "ޑޫ ނޮޓް ޑިސްޓާބް" މޯޑެއްގެ މަސައްކަތްތަކެވެ. މި ފީޗަރ ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، އެ އެޕްލިކޭޝަނުން އެއްވެސް ނޮޓިފިކޭޝަން އެއް ފޯނަށް ނުދައްކާ ގޮތް ހެދޭނެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެންޑްރޮއިޑް އަދި އައިއޯއެސް އަށްވެސް، މި ފީޗަރ ތައް ދޫކޮށްލުމުގެ މަސައްކަތްތައް، އިންސްޓަގްރަމް އިން ދަނީ ބާރަށް ކުރަމުންނެވެ.

އިންސްޓަގްރަމް އަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގެ ފޮޓޯ ޝެއަރ ކުރާ އެޕްލިކޭޝަނެވެ. ހަމައެހެންމެ، މިހާރު ކޮލިޓީކޮށް، ސްޓޯރީތައްވެސް އަޕްލޯޑް ކުރެވޭއިރު، ދިގު ވީޑިޔޯތަކަށް ޚާއްޞަކޮށްގެން، "އައިޖީ ޓީވީ" ގެ ނަމުގައިވެސް ޚާއްޞަ ފީޗަރ އެއް ވަނީ ތަޢާރަފް ކޮށްފައެވެ.