އަކްޝޭ ކުމާރުއާއި ސޯނަމް ކަޕޫރުގެ ފިލްމް "ޕެޑްމޭން" ގައި ހިމެނޭ ސޯނަމްގެ ބައެއްމަންޒަރުތަށްވަނީ ކަނޑާފައި ކަމަށާއި އެހެން ކަނޑާފައި ވަނީ ފިލްމް ކުރު ކުރަން ކަމަށް ސޯނަމް ކަޕޫރު ބުނެފިއެވެ.

"މި ފިލްމްގެ އަހަރެން ކުޅެފައިވާ ގިނަ މަންޒަރުތަށް މިވަނީ ކަނޑާފައި. އެއީ މި ފިލްމް ދިގުވުމުން ކުރު ކުރުމަށްޓަކައި. ކުރު ކުރިޔަސް އަހަރެމެން ދޭން ބޭނުންވާ މެސެޖް ދެވުނީމަ ރަނގަޅުވާނެ. މަންޒަރު ކެނޑުމަކީ މައްސަލައެއް ނޫން" ބައެއް މަންޒަރު ކަނޑާފައިވާތީ އެކަމާއި ގުޅިގެން އޭނާ ބުންޏެވެ. މި ފިލްމްގައި ސޯނަމް ދައްކައިދީފައިވަނީ އަކްސޭގެ އަންހެނުންގެ ރޯލެވެ.

މަންޒަރުތައް ކެނޑުން އެއީ މައްސަލައެއް ނޫން ކަމަށް ސޯނަމް ބުނި ނަމަވެސް އޭނާ ހުރީ އެކަމާ ހިތްހަމަ ނުޖެހިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސޯނަމް ބުނީ "އެމީހުންނަށް ފިލްމްގެ ފަހު ބައިން މަންޒަރު ނުކަނޑާ. ނަމަވެސް ކެނޑޭނެ އެންމެ ބޮޑަށް ވަނީ ކަނޑާފައި" އެވެ.

"ދިމާވާ މިކަހަލަ ކަންތައްތަކުގައި މާބޮޑަށް ވިސްނުން ރަނގަޅެއް ނޫން. އެކަންކަމާ ވިސްނަން ހަދައިގެން އަމިއްލަ މީހާގެ ކެރިއާ ދާނީ. ތިމާ ފިލްމަށްދޭނެ ޖެހޭ އެއްބާރުލުމާއި ތިމާގެ ހުނަރު ހުރި މިންވަރުން ދައްކައިދިނީމަ ތިމާގެ ޒިންމާ އަދާވީ. ދައްކަން ޖެހޭ މަންޒަރާއި ނުޖެހޭ މަންޒަރު ނިންމާނީ އެހެން ބައެއް." އެކަމާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން ސޯނަމް ބުންޔެވެ.

"ޕެޑް މޭން" އަކީ އިންޑިޔާގެ އަންހެނުންނަށް މަސްވަރު ދުވަސްތަކުގައި ދިމާވާ މައްސަލަތަކާއި އެދުވަސްވަރު އެމީހުން ބޭނުންކުރާ ޕެޑް ކުޑައަގެއްގައި ވިއްކުމަށް އަރުނަޗަލަމް މުރުގަނަންތަމް ކުރި މަސައްކަތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަށް އިންޑިޔާގެ އެކު ސަރަހައްދުތަކުންނާއި އެހެނިހެން ގައުމުތަކުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.