ހާޓް އެޓޭކަކީ ފުރާނައަށް އެންމެ ބޮޑު އަސަރެއް ކުރާ ސިއްހީ އެއް މައްސަލައެވެ. ހާޓް އެޓޭކެއް ޖެހުމުގެ ކުރިން އޭގެ އަލާމާތްތައް ފެނެއެވެ.

އަލާމާތްތައް ފެނުނު ނަމަވެސް އެކަންތަކަށް ފަރުވާ ކުޑަ ކުރެވެނީ އެ އަލާމާތްތަކަކީ އާދައިގެ ކަމެއް ކަމަށް ހީވެފައި އޮންނާތީއެވެ.

އެހެންކަމުން ހާޓު އެޓޭކެއް ޖެހުމުގެ ކުރިން ފެންނާނެ އަލާމާތްތައް ދެނެގަނެ، އެފަދަ ކަމެއް ވާނަމަ ސިއްހީ ބޭފުޅެއްގެ ލަފާ ހޯދުން ވަރަށް މުހިންމުވާނެއެވެ.

ހާޓް އެޓޭކް ޖެހުމުގެ ކުރިން ފެންނާނެ އަލާމާަތްތަކަކީ:

ބޮލަށް އެނބުރުން އެރުން

ބޮލަށް އެނބުރުން އެރުމުން އެއީ އާދައިގެ ކަމެއް ކަމަށް ނުވަތަ ނިދި ހަމަނުވެގެން ކަމަށް ހީކޮށް އެކަމާ އަޅައިނުލައި ދޫކޮށްލެވެއެވެ. ނަމަވެސް މާގިނައިން ބޮލަށް އެނބުރެނި އަރާނަމަ ސިއްހީ ލަފާދާރެއްގެ ލަފާ ހޯދުން މުހިންމެވެ.

ހޭނެތުން

މާބޮޑަށް ތަނަކަށް ތަދުވާނަމަ، ފެން މަދުވުމުން ނުވަތަ ހަށިގަނޑުގައި ވަރުދެރަވުމުން ވެސް ހޭނެތިދާނެއެވެ. ނަމަވެސް މާގިނައިން ހޭނެތޭ ނަމަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮވެދާނެއެވެ. ސިއްހީ ފަރާތެއްގެ ލަފާ ހޯދުން މުހިންމެވެ.

ހޮޑުލަވާ، ކާހިތްނުވުން

ހޮޑުލަވާގޮތްވުމުން ކާހިތް ކެނޑެއެވެ. މިހެންވާ ކޮންމެ ފަހަރަކީ ހާޓް އެޓޭކެއް ޖެހިދާނެ ފަހަރެއް ނޫނެވެ. ނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރެވެ.

ދާހިއްލުން

މާގިނައިން ދާހިއްލާނަމަ ހަށިގަނޑުގެ ގުނަވަންތަކަށް ހިތުން ލޭ ޕަމްޕު ކޮށްދޭ މިންވަރު އިތުރުވެއެވެ. މި އަލާމާތަކީ ހާޓް އެޓޭކެއް ޖެހުމުގެ އިތުރުން ކެންސަރު، އިންފެކްޝަން، ހާސްވުން ފަދަ ކަންކަމުގެ ވެސް އަލާމާތެކެވެ.

މީގެއިތުރުން ނިދަން އުދަނގޫވެ، ނޭވާލަން އުދަނގޫވުން، މޭގައި ރިއްސުން، ފައިގެ އިނގިލިތަކުގައި ރިއްސުން، ހަނދާން ނެތުމާއި ކަންތައްތައް އޮޅުންއެރުމަކީ ވެސް މިކަމުގެ އަލާމާތެކެވެ.