ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު، ތައިމޫރަކީ މިހާރުވެސް މަޝްހޫރު ކުއްޖެކެވެ. މަޝްހޫރު މީހުންގެ ދަރީންނަށް ނުލިބޭ ސަމާލުކަން، ކުޑަ ކުޑަ ތައިމޫރަށް ވަނީ ލިބިގެން ގޮސްފައެވެ. ތައިމޫރު ދާ ތަންތަނަށް ފަހަތުން ގޮސް ފޮޓޯ ނެގުމާއި، ޕަޕަރާޒީންގެ ކަންތައްތައްވެސް އިންތިހާ ދަރަޖައަށް ވަނީ ގޮސްފައެވެ.

ތައިމޫރަކީ މިހާރު އޭނާގެ މާމައަށް ވުރެވެސް މަޝްހޫރު މީހެއްކަމަށް، ތައިމޫރުގެ މާމަވެސް ބުނެފައިވެއެވެ. އެހެންކަމުން، މި ކުޑަކުއްޖާގެ މަޝްހޫރުކަން ހުރި ހިސާބު، މިކަމުންވެސް ވަރަށް ރަނގަޅަށް ހާމަވެއެވެ.

ސައިފުގެ މަންމަ، އަދި ކުރިން މަޝްހޫރު ފިލްމުތަކެއް ކުޅެ، އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ސަރުމިލާ ޓަގޯ ބުނެފައިވާ ގޮތުގައި މުހާރު އޭނާ ދަންނަ މީހުންނަށްވުރެ ތައިމޫރު ދަންނަ މީހުން މާ ގިނައެވެ. ނުވަތަ، ތައިމޫރަށް ލިބިފައިވާ މަޝްހޫރުކަމާއި މަޤުބޫލުކަން، ޝަރުމިލާ އަށްވުރެވެސް ބޮޑެވެ.

ޝަރުމިލާ މިހެން ބުނެފައިވަނީ، ނޫސްވެރިންތަކެއް އޭނާ އަށް، ތައިމޫރާ ބެހޭގޮތުން ސުވާލުކުރުމުންނެވެ.

ތައިމޫރުގެ މަޝްހޫރުކަމާއި، ތައިމޫރުގެ ފަހަތުން ބައެއް ފަރާތްތަކުން އުޅޭތީ ބައެއް ފަހަރު އުނދަގޫވާކަމަށް، ކަރީނާ އާއި ސައިފްވެސް މީގެ ކުރިން ބުނެފައިވެއެވެ. ބައެއް މީހުން، އެއްވެސް ގޮތަކަށް ވިސްނާލުމެއް ނެތި ފޮޓޯ ނެގުންފަދަ ކަންތައްތައް ކުރާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަންކަމަކީ ބައެއް ފަހަރު ތައިމޫރަށް ވަރަށް ކަމުދާ ކަންކަން ކަމުގައިވެސް، އެމީހުން ބުނެފައިވެއެވެ.

ސައިފްގެ މަންމަ ޝަރުމިލާ އަކީ މީގެކުރިން ހިންދީ އަދި ބެންގާލީ ފިލްމުތަކުގެ މުޙިއްމު ރޯލުތަކުން ފެނިފައިވާ ކުޅަދާނަ ފަންނާނެކެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތުގެ ބޮޑުކަމުން، އެޤައުމުގެ ސަރުކާރުން އޭނާއަށްވަނީ ނޭޝަނަލް ފިލްމު އެވޯޑުވެސް ދީފައެވެ. ހަމައެހެންމެ، މީގެކުރިން، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ފެސްޓިވަލް ކަމުގައިވާ، ކޭންސް ފިލްމު ފެސްޓިވަލުގައިވެސް ފަނޑިޔާރެއްގެ ގޮތުން ޝަރުމިލާ މަސައްކަތް ކޮށްފައިވެއެވެ.

ޝަރުމިލާ އާއި ސައިފުގެ ބައްޕަ ވަރިވެފައިވަނީ 2011 ވަނަ އަހަރުއެވެ.