ކުދިން ސްކޫލަށް ދާހިތް ކުރުވުމަށް ތަފާތު އެއްޗެހި ދިނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ކަމެކެވެ. ހަމައެހެންމެ، ކިޔަވާހިތް ކުރުވުމަށާއި، ކިޔެވުމަށް "މޯޓިވޭޓް" ކުރުވުމަށް ތަފާތު ކަންކަން ކުރުމަކީވެސް އާއްމު ކަމެކެވެ. މިކަން އާއްމުކޮށް ކޮށް އުޅެނީ ކުދިން ގެންގުޅޭ ހިތްވާ އެއްޗެއް ދީގެން ނުވަތަ ކުދިން ކާހިތްވާ އެއްޗެއް ދީގެންނެވެ. ސަބަބަކީ، މިއީ ނަތީޖާ ނެރެވޭ ކަމަކަށް ވާތީއެވެ.

އެހެންނަމަވެސް، އަވަށްޓެރި އިންޑިޔާގެ ދެކުނުގެ ސްޓޭޓެއްގެ އަވަށެއްގައި، ކުދިން ސްކޫލަށް ދާހިތް ކުރުވުމަށް ދެނީ ޗޮކޮލެޓާއި އެނޫންވެސް ކާ އެއްޗެއްސެއް ނޫނެވެ. ނުވަތަ، ދެނީ ކުޅިވަރު ކުޅޭނެ ފުރުޞަތެއް ނޫނެވެ. އޭގެ ބަދަލުގައި އެ އަވަށުގެ ސްކޫލުން ދެނީ ގޯލްޑް ކޮއިން އެވެ.

މި ފަދަ ކަމެއް ކުރަން، މި ކުޑަ ކުޑަ އަވަށުން ނިންމާފައިވަނީ، އަވަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ސްކޫލަށް ދާ ކުދިންގެ އަދަދު މަދުވުމުންނެވެ. އަދި، ސްކޫލު ދަރިވަރުންގެ އާބާދީ 10 އަށް ވުރެ މަދުވެއްޖެނަމަ، ސްކޫލު ބަންދުކުރާނެކަމަށް ސަރުކާރުން އަންގާފައިވުމުން، ސްކޫލު ބަންދު ކުރަން ނުޖެހޭ ގޮތް ހެދުމަށްވެސް، މި އުސޫލު ދަނީ ބޭނުންކުރަމުންނެވެ.

މި ކުޑަ ކުޑަ ސްކޫލަށް، ހެޑްމާސްޓަރެއްގެ ގޮތުގައި އައި މީހާގެ އިސްނެގުމުގެ މަތިން، އަވަށުގެ އެހެން މީހުންގެ މަޝްވަރާގެ މަތިން، ސްކޫލަށް އަންނަ ކުދިންނަށް ގޯލްޑް ކޮއިން ދޭން ފެށިއިރު، މިކަމުގެ ސަބަބުން ތިން ކުދިން މިހާރުވެސް އަލަށް ސްކޫލަށް އަންނަން ފަށާފައިވާކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ސްކޫލަށް އަލަށް ވަންނަ ކޮންމެ ކުއްޖަކަށް، ދެ ޔުނީފޯމުވެސް ދަނީ ހިލޭ ދެމުންނެވެ.

މި އަވަށުން މީހުން މަދުވާން ފެށީ، އެސަރަޙައްދުގައި ރަނގަޅަށް ދަނޑު ނުހެއްދޭތީ، މީހުން އެހެން ސަރަޙައްދުތަކަށް ބަދަލުވާން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު