އެޕަލް އިން އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެއާޕޮޑް-3 އާއި މެކްބުކްގެ އާއުފެއްދުންތައް މިރޭ ދައްކާލައިފިއެވެ.

މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިވެންޓެއްގައި އެޕަލް އިން ދައްކާލި އެންމެ މުހިއްމު އުފެއްދުމަކީ މެކްބުކް ޕްރޯ އެވެ. 14 އިންޗި އާއި 16 އިންޗީގެ މެކްބުކް ޕްރޯގައި ވަަނީ M1 Pro އާއި M1 max ޗިޕް ހިމަނާފައެވެ. ކުރިއަށް ވުރެ އަވަސް، އަދި ފުރިހަމަ ވާނެ ކަމަށް ބުނާ އެޕަލް މެކްބުކް ޕްރޯއަށް ގެނައި އެންމެ ހާއްސަ އަނެއް ބަދަލީ އެޗްޑީއެމްއައި ޕޯޓް އާއި އެސްޑީ ކާޑު ސްލޮޓް އަނބުރާ ގެނައުމެވެ. އަދި މެގް ސޭފް ކަނެކްޓާސް ވެސް އަނބުރާ ގެނައުމެވެ.

އެޕަލް އިން މިރޭ ދައްކާލި 14 އިންޗީގެ މެކްބްކް ޕްރޯގެ އަގަކީ 1999 އެމެރިކާ ޑޮލަރެވެ. 16 އިންޗީގެ މެކްބްކް ޕްރޯގެ އަގަކީ 2499 އެމެރިކާ ޑޮލަރެވެ. މިއަދުން ފެށިގެން މެކްބްކް ޕްރޯއަށް ޕްރީއޯޑަރު ކުރެވޭނެއެވެ. ނަމަވެސް ގަންނަން ލިބެން ފަށާނީ އަންނަ ހަފްތާ އިން ފެށިގެންނެވެ.

އެޕަލް އިން މިރޭ ދައްކާލި އެއާޕޮޑް-3 އަށް މާބޮޑު ޑިޒައިން ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިރޭ ދައްކާލި އެއާޕޯޑް-3 ވަޔަލެސް ޗާޖަރާއި އެކު 179 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ. އަދި އެންމެ ފަހުގެ އެއާޕޮޑް 129 އެމެރިކާ ޑޮލަރަށް އަގުހެޔޮ ކުރިކަން ވެސް މިރޭ އިއުލާން ކުރިއެވެ. އެއީ 30 ޑޮލަރުގެ ހެޔޮވުމެކެވެ.

އެޕަލްގެ ސްޕީކަރު ހޯމްޕޮޑް މިނީގެ އިތުރު ކުލަތަކެއް މިރޭ ވަނީ ދައްކާލާފައެވެ. އިތުރު ކަންކަން ފުރިހަމަ ކޮށްފައިވާ މިސްޕީކަރުގެ އާއުފެއްދުންތައް ވިއްކާނީ 99 އެމެރިކާ ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު