ކެނެޑާގައި ޓުރެފިކުގައި ތާށިވެފައި ހުރި މީހަކު ކުޑަކަމުދާން ޖެހިގެން އިތުރު އެއްވެސް ގޮތެއް ނެތިގެން އެހީއަށް އެދި ފުލުހަށް ގުޅައިފިއެވެ.

ކެނެޑާގެ އޮންޓާރިއޯގެ މަގެއްގައި ޓުރެފިކުގައި ޖެހިފައި ހުރި މި މީހާ އެންމެ ފުރަތަމަ 911 އަށް ގުޅާފައި އެމްބިއުލެންސެއް ފޮނުވައިދިނުމަށް އެދިފައިވެއެވެ.

ނަމަވެސް ފަހުން އެމީހާ ބޭނުންވީ ފުލުހުންނަށް ގުޅައިގެން ފުލުހުންގެ އެހީ ހޯދަން ކަމަށް ނިއު ޔޯކް ޕޯސްޓުގެ ރިޕޯޓްތަކުގައި ވެއެވެ.

ޕީލް ރީޖަނަލް ޕޮލިސްއިން 38 ސިކުންތުގެ ފޯނުކޯލުގެ ރިކޯޑިންއެއް ވަނީ ޓުވިޓާގައި ހިއްސާ ކޮށްފައެވެ. މި ރިކޯޑިންގައި 911 އަށް ގުޅާފައި ބޭނުންވަނީ އެމްބިއުލެންސް ތޯ ނުވަތަ ފަޔަރ އެމްބިއުލެންސް ތޯ ސުވާލު ކުރުމުން ފުރަތަމަ ބުނެފައިވަނީ އެމްބިއުލެންސް ބޭނުން ކަމަށެވެ.

ނަމަވެސް ފަހުން ބުނެފައިވަނީ ފުލުހުންގެ އެހީ ބޭނުންވާ ކަމަށެވެ. އެމަޖެންސީއަކީ ކޮބައިތޯ ބުނުމުން ބުނެފައިވަނީ އޭނާ ޓުރެފިކުގައި ތާށިވެފައި ހުރި ކަމަށާއި ކުރިމަތީގައި ހުރި ވެހިކަލްތައް ގުޑާވެސް ނުލާ ކަމަށެވެ. އަދި އޭނާ ކުޑަކަމުދާން ބޭނުންވެފައި ހުރި ކަމަށެވެ.

އޭނާގެ މި އެމެޖެންސީގައި ފުލުހުންނަށް ކޮށްދެވޭނީ ކީއްތޯ ސުވާލު ކޮށްފައިވެއެވެ. ކުޑަކަމުދިޔުމުގައި އެހީތެރިވެދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ފޯނު ކަނޑާލައެެވެ.

މި ވީޑިއޯ ހިއްސާކޮށް ފުލުހުން ބުނެފައިވަނީ ފާހާނާއަށް ދާން ބޭނުންވެގެން ކުރިމަތީ ހުރި ކާރުތައް ކުރިއަށް ނުދާތީ 911 އަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ފުލުހުން މި އޯޑިއޯ މީސް މީޑިއާގައި ހިއްސާ ކޮށްފައިވަނީ އެމެޖެންސީ ނޫން ހާލަތްތަކުގައި 911 އަށް ނުގުޅުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.