އުމުރުން 70 އަހަރުގައި އިންޑިއާގެ އަންހެނަކަށް އޭނާގެ ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ އަންހެން މީހާއަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދައިގެންނެވެ.

މިމަހުގެ 13 ވަނަ ދުވަހު ނަގާފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ އެއަންހެން މީހާ ތުއްތު ދަރިފުޅު އުރައިގެން ހުންނައިރު، އޭނާގެ ފިރިމީހާ ވެސް ކައިރީގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ވާހަކަ ދައްކާ މަންޒަރެވެ.

މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވާއިރު، އެދެމަފިރިން ކައިވެނި ކޮށްގެން އުޅޭތާ މިހާރު 45 އަހަރު ވެދާނެއެވެ. ޖިވުންބެން ރަބަރީ ނަމަކަށް ކިޔާ އެއަންހެން މީހާގެ ފިރިމީހާ، މަލްދަރީގެ އުމުރުން 75 އަހަރު ވެއްޖެއެވެ.

އެމީހުން ބުނީ، އައިވީއެފް ހަދައިގެން ދަރިއަކު ލިބިފައިވާއިރު، އެފަދަ އެއްވެސް ކަމެއް ނުކޮށް ގިނަ އަހަރުތަކެއް ވަންދެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ.

އެމީހުން ބެލި ޑޮކްޓަރު ބުނެފައިވަނީ އެންމެ ފުރަތަމަ އެމީހުން ޑޮކްޓަރަށް ދައްކަން އައުމުން އެ އުމުރުގައި ދަރިއަކު ނުހޯދޭނެ ކަމަށް އެމީހުން ގާތު ބުނި ކަމަށެވެ. އެހެން ނަމަވެސް އެމީހުން އެކަމާއި ދެކޮޅު ހަދައި އާއިލާގެ ބައެއް މެންބަރުންނަށް ވެސް އެގޮތަށް ދަރިން ލިބުނު ކަން ފާހަގަ ކުރި ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

އެކަން ކާމިޔާބުވުމުން ޑޮކްޓަރު ބުނެފައިވަނީ އެއީ ވަރަށް މަދުން ނޫނީ ނުވާނެ ކަހަލަ ކަމެއް ކަމަށާއި އެކަމާއި އުފާ ކުރާ ކަމަށެވެ.

މި ދެމަފިރިންނަކީ އިންޑިއާގެ ގުޖުރާތުގެ އަވަށެއް ކަމަށްވާ ކެމޯރާގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ.

ކިޔުންތެރިންގެ ހިޔާލު