ކޮންމެ ދެމަފިރިއަކު ވެސް ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި އުޅޭށެވެ. ނަމަވެސް ދިރިއުޅުމުގައި ކަންތައްތައް ދިމާވާ ގޮތަކުން ދެމީހުންގެ ގުޅުން ކަނޑާލާ ދިރިއުޅުމުގެ މިސްރާބު ބަދަލު ކޮށްލަން ޖެހެއެވެ. ބައެއް ފަހަރު ވަރި އާއި ހަމައަށް ދެމަފިރިން ދަނީ މަޖުބޫރު ވެގެން ކަމަށް ވީނަމަވެސް އަނެއްބައި ފަހަރު ވަރި އާއި ހަމައަށް ދަނީ ދެން ކުރިމަތިވާނެ ކަންކަމާއި މެދު ވިސްނާނުލައެވެ.

ވަރި ވުމުގެ ކުރިން ހަޤީޤަތުގައި ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. އަހަރެން މިބުނެދެނީ ވަރި ވުމުގެ ކުރިން އަމިއްލަ ނަފްސާއި ކޮންމެ މީހަކު ވެސް ކޮށްލަން ޖެހޭ ބައެއް ސުވާލުތަކެވެ.

ކައިވެނި ސަލާމަތް ކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެތަ؟

ވަރިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ވަރި ވުމުގެ ކުރިން ކައިވެނި ސަލާމަތް ކުރަން ތިބާ އަށް އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން މުހިންމެވެ. ތިއީ ތިބާގެ ވެސް ކައިވެންޏެެވެ. އެހެންކަމުން ތިކައިވެނި ސަލާމަތް ކުރުން އެއީ ހަމަ ތިބާގެ ވެސް ޒިންމާއެކެވެ.

އަދިވެސް ލޯބިވޭތަ؟

ކައިވެނި ކުރީ ވަރަށް ލޯބިން އެތައް ދުވަހަކު އުޅެފައި ކަމަށް ވެދާނެއެވެ. ނަމަވެސް ދުވަސްތަކެއް ވެގެން ދިއުމުން މިހާރު އެ ލޯބި އޮތީ ކޮންތަނެއްގައި ހެއްޔެވެ؟ ވަރި ވުމާއި ހަމައަށް ދިޔައިރު އަދިވެސް ތިބާ، ތިބާގެ ބައިވެރިޔާ ދެކެ ލޯބިވޭ ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ނަމަ ދެން ކުރެވެން އޮތީ ކޮންކަމެއްތޯ އަދި އެއްފަހަރު ވިސްނާލަން އެބަޖެހެއެވެ.

އެހެން މީހެއްގެ ނުފޫޒެއް އެބައޮތްތަ؟

ރަހުމަތްތެރިންނާއި އާއިލާ މެންބަރުންނަކީ އަބަދުވެސް ތިބާ އަށް ހެޔޮ އެދޭނެ މީހުންނެވެ. ނަމަވެސް އެމީހުންގެ ވިއު ޕޮއިންޓް އިން ފެންނަ މަންޒަރާއި ތިބާ އަށް މަންޒަރު ފެންނަ ގޮތް ތަފާތު ވެދާނެއެވެ. ތިބާ އަށް ރަނގަޅު ވާނީ ވަރި ވެގެން ކަމަށް ރަހުމަތްތެރިންނާއި އާއިލާ މީހުން ބުނި ނަމަވެސް އެއީ ހަމަ ހަޤީޤަތުގައި ވެސް ތެދެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށް އަމިއްލަ އަށް ގޮތެއް ނިންމާށެވެ.

މާލީ ގޮތުން ފުދުންތެރިތަ؟

ބައެއް މީހުން ބުނާނެއެވެ. ފައިސާ އަކީ ހުރިހާ އެއްޗެއް ނޫނެވެ. އާނ އެކެވެ. ނަމަވެސް ފައިސާ ނެތި ދިރިއުޅުމެއް ނޫޅެވޭނެއެވެ. އެހެންކަމުން އަމިއްލަ އަށް އުޅެން ފަށަން ވިސްނާއިރު ތިމާ އަކީ މާލީ ގޮތުން ކިހައި ގާބިލް މީހެއްތޯ ވިސްނާލަން ޖެހޭނެއެވެ. ދިރިއުޅުމުގެ ޚަރަދުތައް އަމިއްލަ އަށް ކުރަން ޖެހުމުން ދެން ވާނީ ކިހިނެއްތޯ ވިސްނާލުން ރަނގަޅެވެ.

ދަރިންނާއި ވަކިން އުޅެވިދާނެތަ؟

ދަރިންނާއި ވަކިން، ނުވަތަ ފިރިމީހާ ނޫނީ އަނބިމީހާ އާއި ވަކިން ހުރިހާ ދަރިން ގޮވައިގެން ތިބާ އަށް އުޅެވިދާނެ ހެއްޔެވެ؟ އެއީ ކޮންމެ ހާލަތެއް ވެސް ގާތްގަނޑަށް އެކަނި ކުރިމަތިލާން ޖެހިދާނެ ފަދަ ނިންމުމެއް ކަން ހަނދަން ކުރާށެވެ. ކޮންމެ ދުވަހަކު ދަރިން ނުފެނި އުޅެން ޖެހިދާނެއެވެ. ނުވަތަ ދަރިން ކައިރީގައި ތިބި ނަމަވެސް ބައްޕަގެ އެއްވެސް އެހީއެއް ނެތި ހުރިހާ ދަރިން ބަލަން ވެސް ޖެހިދާނެއެވެ. އެފަދަ ހާލަތަކަށް ތިބާ ތައްޔާރު ހެއްޔެވެ؟

ނިންމާލުމުގެ ކުރިން އަދި އިތުރު ވާހަކައެއް ބުނަން ބޭނުމެވެ. އެއްވެސް މައްސަލައަކީ އެމައްސަލައިގައި ޒާތުގައި އަމިއްލަ އަށް ހައްލު ވެގެން ދާނެ މައްސަލައެއް ނޫނެވެ. އެހެންކަމުން މައްސަލަތައް ހައްލު ކުރުމުގައި އަމިއްލަ އަށް އިސްނަގަން ޖެހޭނެއެވެ. ހައްލަކީ ކޮބައިތޯ ވިސްނާ ހައްލު ހޯދަން މަޝްވަރާ ކުރެވެން ޖެހޭނެއެވެ. ދެމީހުން ބޭނުންވާ ހައްލުތައް ގެނެވެން ވާނެއެވެ. އެކަން ކުރެވޭނީ ކޮންމެ މީހަކު ވެސް ދޫދީގެންނެވެ. ބަލި ވާން ޖެހޭ ފަހަރު ބަލިވެގެން، މޮޅުވާން ޖެހޭ ފަހަރު މޮޅު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާރާ

    ރައްޓެހިންނާ އާއިލާގެ މީހުންނަކީ ގިނަފަހަރަށް އެމީހުންގެ އަމިއްލަ އެދުންވެސް އޮންނަ މީހުން. އަދި މައިން ބަފައިންވެސް ހިމެނެ މީގަ ބައެއްފަހަރަށް. ހަގީގީ ތެދުވެރިންނެއް މިހާރަކު ނެތް.