"މަނިކޭ މަގޭ ހިތޭ" ލަވަ ކިޔައިގެން އެތައް ބައެއްގެ ހިތް ފަތަހަ ކޮށްފައިވާ ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ބޮލީވުޑަށް ދިއުމުގެ ފުރުސަތު ހޯދައިފިއެވެ.

ޔޮހާނީ އަބަދުވެސް ބޮލީވުޑްގައި ލަވަކިޔުމުގެ ހުވަފެން ދެކެމުން އަންނަ އިރު މިހާރު މިވަނީ އެ ހުވަފެން ހަގީގަތަކަށް ވެފައެވެ. އޭނާ ބޮލީވުޑްގައި ފުރަތަމަވެސް ކިޔަން ހަމަޖެހިފައި ވަނީ މަނިކޭ މަގޭ ހިތޭގެ ހިންދީ ވާޝަންގެ ލަވައެކެވެ.

ޔޮހާނީގެ އަޑުން މި ލަވަ ކިޔައިދޭ އިރު ލަވަ އަޖޭ ދޭވްގަންގެ ފިލްމު "ތޭންކް ގޯޑް" ގައި ހިމަނާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.

"މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަންގެ މިއުޒިކް ތައްޔާރުކޮށްދޭނީ ތަނިޝްކް ބާގްޗީ ކަމަށް މިހާރު ވަނީ އަޑުފެތުރިފައި އެވެ. އަދި މި ލަވައިގެ ޅެން ހަދައިދޭނީ ރަޝްމީ ވިރާގްއެވެ.

އިންދުރަ ކުމާރް ޑައިރެކްޓުކޮށް ގެނެސްދޭ މި ފިލްމުގައި ރަކުލް ޕްރީތު ސިންގ ލީޑުން ފެނިގެންދާއިރު އަޖޭއާއި ސިދާތު މަލޯޓްރާ ފެނިގެންދާނެއެވެ. މިއީ ކޮމެޑީ ފިލްމަކަށް ވާއިރު ކުރިން އަޖޭއާއެކު "އިޝްޤް" އާއި "މަސްތީ" އަދި "ޓޯޓަލް ދަމާލް" ވެސް ޑައިރެކްޓް ކޮށްފައި ވަނީ އިންދުރަ ކުމާރްކަން ފާހަގަ ކުރެވެއެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ބުޝާން ކުމާރް، ކްރިޝާން ކުމާރް، އާޝޮކް ތަކޭރިޔާ، ސުނީލް ހެތޭޕަރް، ދީޕަކް މުކުތް، އަނަންދް ޕަންޑިތް އަދި މާކަންދް އަދީކާރީ އެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރިނަމަވެސް އަންނަ އަހަރު ފިލްމު ރިލީޒްކުރާނެކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު