އެމެރިކާގެ ހޮސްޕިޓަލެއްގައި ފިރިހެން ނަރުހަކު، އެހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ ހަތަރު ފިރިހެނެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައިގެން އެހަތަރު މީހުން މަރާލައިފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޑޭވިސް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ހަތަރު ފަހަރެއްގެ މަތިން ހަތަރު މީހެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައިގެން އެމީހުން މަރާލި ކަމުގެ ތުހުމަތެވެ.

މައްސަލައިގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ. ޕްރޮސެކިއުޓަރުން އެދިފައި ޑޭވިސް އަށް މަރުގެ ހުކުމް އިއްވައި ދިނުމަށެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކި ތަޖުރިބާކާރަކު ވިދާޅުވީ މަރުވި ހަތަރު މީހުން ވެސް މަރުވެފައި ވަނީ އެމީހުންގެ ހަށިގަނޑަށް އިންޖެކްޝަނަކުން ވައި ފޮނުވާލައިގެންކަމަށެވެ. ވަކިގޮތަކަށް ވަކިތަނަކަށް އިންޖެކްޝަނެއް ވަޔާއިއެކު ޖަހައިފިނަމަ ސިކުނޑިއަށް ގެއްލުންވެ މީހާ މަރުވެދާނެ ކަމަށެވެ.

ޑޭވިސްގެ ވަކީލު ޝަރީޢަތުގައި ބުނީ ޑޭވިސްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށާއި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަތަރު މީހުން ވެސް މަރުވިއިރު އެތަނުގައި ހުރި މީހަކީ އޭނާ ކަމަށް ވާތީ ކަމަށެވެ. "އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލްގައި އޭނާގެ ޑިއުޓީ ގަޑީގައި މަރުވާ ހުރިހާ އެންމެންގެ މަރުގެ ޒިންމާ އޭނާ އުފުލަން ޖެހުން އެއީ ބޮޑު ޖޯކެއް. އެއްވެސް ހެއްކެއް ނެތި މިފަދަ ދައުވާއެއް އުފުލަމީ ވެސް ޖޯކެއް." ވަކީލު ކޯޓުގައި ބުންޏެވެ.

އެކަމަށް ރައްދުދީ ޕްރޮސެކިއުޓަރުން ބުނީ ޑޭވިސް "މީހުން މަރާ ހިތްވާކަމަށް." ތަކުރާރުކޮށް މީހުން ކައިރީ ބުނެފައިވާ ކަމަށެވެ. އަދި އޭނާ މީހުން މަރާ ހިތްވެގެން އެކަމާއި ގުޅޭ ކަންކަން ބަލާފައި ހުރިކަން ފޮރެންސިކް ހެކިތަކުން އެނގޭނެ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެއެވެ.

ދެން ޕްރޮސެކިއުޓަރުން ބުނީ ޑޭވިސް ހޮސްޕިޓަލްގެ ވަޒީފާ އިން ވަކިވި ފަހުން އެންމެ މީހަކު ވެސް އެގޮތައް މަރުވެފައި ނުވުމެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު