ފޭސްބުކް އިން ދަނީ އެ ކުންފުނީގެ ނަން ބަދަލުކުރަން މަސައްކަތް ކުރަމުންކަން ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

މީސްމީޑިޔާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ފޭސްބުކްގެ ނަން ބަދަލުކުރަން ނިންމީ މިހާރަށްވުރެ ރަނގަޅަށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާ ފޭސްބުކްގެ އަހަރީ ދުވަހުގައި މިކަމާ ގުޅޭގޮތުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވާހަކަ ދައްކަވާނެ ކަމަށް "ދަ ވާޖް" ނޫހުގައި ބުނެފައިވެއެވެ.

މިހާރު ދައްކަމުންދާ މި ވާހަކަތަކާއި ގުޅޭގޮތުން ފޭސްބުކްގެ ތަރުޖަމާން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ދަ ވާޖް ނޫހުގައި ބުނެފައި ވެއެވެ.

ކޮމްޕިއުޓަރުން ޖެނެރޭޓްވާ މާހައުލެއްގައި، ވާޗުއަލް ދުނިޔެއެއްގައި އުޅެވޭ ކަމުގެ އިހްސާސްވާ ގޮތަށް ފޭސްބުކަށް ބޮޑު ބަދަލުތަކެއް ގެންނަން އުޅޭކަމުގެ ވާހަކަތައް ދައްކަމުން އަންނައިރު މިކަމާ ގުޅޭގޮތުން ފޭސްބުކުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނާކަން ފާހަގަ ކުރެވެއެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިތުރު މީސްމީޑިޔާ ޕްލެޓްފޯމްތައް ކަމަށްވާ އިންސްޓަގްރާމް، ވަޓްސްއެޕް، ވީއާރް ކުންފުނި އޮކިއުލަސް އާއި ފޭސްބުކާއި އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ހާމަވާނެގޮތަށް ބަދަލުތައް ގެންނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

2004 ވަނަ އަހަރު ފޭސްބުކް ވުޖޫދަށް އައިސްފައިވާއިރު ބިލިއަނަކަށްވުރެ ގިނަ ފަރާތްތަކުން ފޭސްބުކް ބޭނުން ކުރެއެވެ. އަދި ސަރުކާރުތަކުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސަރުކާރުތަކުގެ އޮފީސްތަކަށްވެސް ފޭސްބުކްގައި ޕޭޖްތައް ހަދާފައި ހުރެއެވެ.

ފޭސްބުކްގެ ހިދުމަށް ފުޅާކޮށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް 24/7 އެތައް ހާސް މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން މިހާރުވެސް ފޭސްބުކްގައި 60،000 މުވައްޒަފުން މަސައްކަތް ކުރާއިރު އިތުރަށް 10،000 މުވައްޒަފުން ނެގުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.