އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔެ ވެސްޓު މީސް މީޑިޔާގައި އޭނާގެ ނަން ''ޔޭ'' ގެ ގޮތުގައި އެތައް އަހަރެއް ވަންދެން ބޭނުން ކުރުމަށް ފަހު ރަސްމީކޮށް އެ ނަމަށް ބަދަލުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ލޮސްއެންޖަލެސް ކޯޓުގައި ފަނޑިޔާރަކު ކާންޔޭ ވެސްޓުގެ ނަން ރަސްމީކޮށް ''ޔޭ'' އަށް ބަދަލު ކޮށްފައެވެ.

ކާންޔޭގެ ނަމުގެ ކުރީ ނަމާއި ފަހު ނަން އުނިކޮށް ހަމައެކަނި ''ޔޭ'' ކިޔުމަށް ވަނީ ނިންމާފައެވެ.

ނަން ބަދަލު ކުރުމަށް ހުށަހަޅާފައިވަނީ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ''ޔޭ'' ގެ ނަމުގައި އަލްބަމެއް ވެސް ނެރެފައެވެ.

ގާނޫނީ ގޮތުން ނަން ބަދަލު ކުރުމަށް ފަހު ޔޭ ވަނީ އޭނާގެ އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯގައި އޭނާގެ ބޮލުގެ ތަލަައިގައި ވަނީ ޖަޕާނުގެ ''ޔެން'' އަދި ޗައިނާގެ ''ޔުއާން'' ގެ ނިޝާން ފެންނާނެހެން އިސްތަށިގަނޑަށް ބަދަލު ގެނެސްފައެވެ. ކެޕްޝަނުގައި ވެސް ވަނީ މި ނިޝާން ބޭނުން ކޮށްފައެވެ.

ޔޭގެ ނަމަށް ގެނެވުނު މި ބަދަލަށް ސަޕޯޓަރުންގެ ފަރާތުން ތަފާތު ކޮމެންޓްތައް ދަނީ ލިބެމުންނެވެ.

ބައެއް ފަރާތްތަކަށް ޔޭގެ ބޮލުގެ އިސްތަށިގަނޑަށް ގެނެސްފައިވާ ސްޓައިލް ވަރަށް ކަމުދާ ކަމަށް ލިޔެފައިވެއެވެ. ބައެއް ފަރާތްތަކުން ވަނީ ނަމަށް ގެނައި ބަދަލާއި ބެހޭގޮތުން ވާހަކަދައްކާފައެވެ.

''ޔޭ'' މި ލަޒުފު ވަނީ ތަފާތު ހާލަތްތަކުގައި ބޭނުން ކޮށްފައެވެ. 'އިނގިރޭސީ ލަފުޒު ކަމުގައިވާ ''ޔޫ''، އަދި ހިންދީ ލަފުޒެއް ކަމުގައިވާ ''ޔޭ'' ގެ އިތުރުން ''ޔޭ ޔޭ'' ފަދަ ލަފުޒުތައް ބޭނުން ކޮށްގެން އެކި މީހުން އެމީހުންގެ އިހުސާސްތައް ކޮމެންޓު ސެކްޝަންގައި ދަނީ ލިޔަމުންނެވެ.